މަސްވެރިންގެ ތެރެއިން އެންދަމަން ފީނާ މަސްވެރިންނަށް އަމާޒުކޮށްގެން ބޭނުންވާ ތަމްރީނުތައް ދިނުމަށް މިފްކޯ އާއި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ހާއްސަ ޑައިވިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިފްކޯއިން ބުނީ މަސްވެރި ޑައިވަރުން ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްްރާމްގެ މަގްސަދަކީ މަސްވެރިންގެ ތެރެއިން އެންދަމަން ފީނާ ފަޅުވެރިންނަށް ބޭނުންވާ ތަމްރީނުތައް ދިނުން ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ކޯސްތައް އޮންނާނީ ގއ، ގދ. ގެ ރަށްތަކުގައެވެ.
އޯޕަން ވޯޓާ ޑައިވިން، އެޑްވާންސް އޯޕަން ވޯޓާ ޑައިވިން، ރެސްކިއު އަދި އިމަޖެންސީ ފަސްޓް ރެސްޕޮންޑާ ކޯސް، އެ ޕްރޮގްރާމްގެ ދަށުން ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް މިފްކޯއިން ހާމަކުރެއެވެ.
މީގެ އިތުރުން މިފްކޯއިން ބުނީ ޑައިވް ކުރާއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަސްވެރިންނާއި ކެޔޮޅުން އަދި އޮޑިވެރިން ވެސް ހިމަނައިގެން ހޭލުންތެރިކުރުމުގެ ޕްރޮގާމެއް ވެސް ބާއްވާނެ ކަމަށެވެ.
.މިފްކޯއިން ބުނީ ކުޑަހަރަދަކާއެކު، އަމިއްލަ ރަށުގައި ހުރެގެން އެ ކޯސްތަކުގައި ބައިވެރިވުމަކީ އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭ މުހިންމު ސަބަބެއް ކަމަށާއި އަދި އެންދަމަން ފީނާ ފަޅުވެރިންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުން، ޑައިވިންގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވާން ދަސްވެ، އަވަސް ފަރުވާ ދޭނެ ގޮތް މަސްވެރިންނަށް ދަސްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް