ޝަފްރާޒަށް އިންޒާރުދިން ކަމަށްބުނާ ސިފައިންގެ މީހާގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދޭން ފެށުމަށް ރޭ ބޭއްވި ހަފްލާގެ ހަވާސާގައި ވޮއިސް ނޫހުގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދަށް އިންޒާރުދިންކަމަށް ބުނާ ސިފައިންގެ މީހާގެ މައްސަލަ ބަލައި ފިޔަވަ...

16 Jun 2022 | 07:41

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދޭން ފެށުމަށް ރޭ ބޭއްވި ހަފްލާގެ ހަވާސާގައި ވޮއިސް ނޫހުގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދަށް އިންޒާރުދިންކަމަށް ބުނާ ސިފައިންގެ މީހާގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އާއްމު އެކުވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިކަމަށް ގޮވާލީ އެކަމާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި އެ ޖަމިއްޔާއިން ބުނެފައިވަނީ ރޭ ހުޅުމާލެ ފޭސް2 ގެ ހިޔާ ޝަހަރުގައި، އެތަނުގައި އުޅޭ އާންމުން ނުވައްދައި، މަތީފަޑީ ޝާހީން އެކަނި ބައިވެރިކޮށްގެން،  ސަރުކާރުން ކުރިއަށް ގެންދިޔަ ބަހުގެ ހިދުމަތް ފެށުމުގެ ބޮޑު ހަފްލާ ބޭއްވި ސަރަހައްދަށް އެއްވި ފްލެޓުވެރިންގެ ހަރަކާތްތައް އަދި ގޮވާލުންތައް ކަވާ ކުރަން އެތަނަށް ދިޔަ ވޮއިސް ނޫހުގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސައިނަށް ރައީސުލްޖުމްހޫރިއްޔާގެ ސެކުރިޓީ ބަލަހައްޓާ ސިފައިންގެ ބޭކަލަކު އިންޒާރުދިން ކަމަށެވެެ.

"ޝަފްރާޒަށް އިޝާރާތްކޮށް "މިކަލޭގެ ހޭއަރުވާލަން ޖެހޭ" އަދި "މީ ދުއްވާލަން ޖެހޭ މީހެއް" ކަމަށް PG އެއް ކަމަށް ބެލެވޭ އެބޭފުޅާ ބުނީ އެތާ ތިބި އަޅުގަނޑުމެންގެ އެތައް މެންބަރުން ކުރިމަތީ އެތައް ބަޔަކަށް އަޑުއިވޭ ވަރަށެވެ. މީގެ އިތުރުން އެވަގުތު އެތާ ހުރި ފުލުހެއްގެ ގާތު ޝަފްރާޒަށް އިޝާރާތްކޮށް އޭނާ ހައްޔަރު ކުރަން އެބަހެޖޭ ކަމަށް ސިފައިންގެ މީހާ ބުނެފައިވެއެވެ. " އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ ރޭގެ ހަފްލާއާއި ގުޅިގެން އާންމުންގެ ޖަމްއިއްޔާއިން އެއްވެސް ހަރަކާތެއް ރާވާފައި ނުވާކަމަށާއި އެހެނަސް ކޮށީގެ ވަރަށް ގިނަ މީހުން އެސަރަހައްދަށް އެއްވުމާއި ގުޅިގެން އާންމުންގެ ޖަމްްއިއްޔާގެ ބައެއް އެޑްމިންސް އަދި އެކުވެރި ނޫސްވެރިން އެ ސަރަހައްދަށް ދިޔަކަަމަށާއި ޝަފްރާޒް ހަރަކާތްތެރިވަމުން ދިޔައީ ލޮލުން ބަލާ މީހަކަށް ސާފުކޮށް ފެންނާނެ ވަރުގެ ބޮޑު "ޕްރެސް ކާޑެއް" ކަރުގައި އަޅައިގެން ކަމަށް ބުނެފައިވެއެވެ.

"ވީމާ އާންމު އެތައް ބައެއް ކުރިމަތީ ދިވެހި ސިފައިންގެ ބޭކަލަކު މިފަދަ މުޑުދާރު ގޮތަކަށް ނޫސްވެރިއެއްގެ ނޫސްވެރިކަން ކުރުމުގެ ހައްގައި އަރައި، މަގުމަތީ ބަހުރުވައިން ބިރު ދައްކައި، ގަނާކޮށް، ދުއްވާލާނެ ކަމުގެ އިންޒާރު ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އޭގެ އިތުރުން މިފަދަ އިންޒާރެއް ދިނުން އެއީ ގާނޫނާއި ގަވައިދުތައް ތަންދޭ ކަމެއްވެސް ނޫނެވެ. " އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އާއްމު އެކުވެރިންގެ ގުޅުން ޖަމިއްޔާއިން ބުނެފައިވަނީ މިހާތަނަށް އެ ޖަމިއްޔާއާއި ހިނގާފައިވާ މުއާމަލާތްތަކުގައި ދިވެހި ސިފައިން އަބަދުވެސް ފާހަގަ ކުރެވިފައިވަނީ ސިފަވަންތަވެރި މެދުމިންވަރެއްގެ ވިސްނުމުގެ ބައެއްގެ ގޮތުގައި ކަމަށާއި ފައުޖުތެރޭހުރި ހަރުކަށި ފިކުރުގެ އެއް ބޭކަލަކު ކުރާ މިފަދަ ލާސިފަވަންތަ އަމަލެއްގެ ސަބަބުން މުޅި ސިފައިންގެ ލަޝްކަރުގެ އަގު ވެއްޓި، އާންމުން ހިތުގައި ސިފައިންނާއި މެދު ރުޅިވެރިކަމުގެ އިތުރަށް ބިރުވެރިކަން އުފެދުމަށް މަގުފަހިވާކަމަށެވެ. މީގެ އިތުރުން ސިފައިންގެ ބޭކަލެއްގެ ފަރާތުން މިފަދަ އަމަލެއް ފެނުމަކީ އެފަރާތެއްގެ ވިސްނުން ހަރުކަށިވެފައިވާ ކަމުގެ "އާރލީ ވާނިން ސިސްޓަމް" ތެރޭ ހިމެނޭ "ސައިން" އެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ ދެންނެވުނު ސިފައިންގެ ބޭފުޅާ ނޫސްވެރިޔާ ޝަފްރާޒަށް އަމާޒުކޮށް ރޭދިން ހަމަލާ އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލު، ކަމާއިބެހޭ ފަރާތްތަކުން ނޫސްވެރިންގެ ހައްގު ކަށަވަރުކޮށް، ސިފައިންގެ ޔުނީފޯމުގެ އަގު ހިފަހައްޓައި، ފައުޖުތެރެއިން ހަރުކަށި ފިކުރު ނައްތައި، އެފިކުރު ފެތުރުން ހުއްޓުވަން،  ކުރަން ޖެހުނު ހުރިހާ ކަމެއް ކޮށް، އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް ވީހާވެސް އަވަހަކަށް އެޅުމަށް ގޮވާލާ ކަމަށާއި އަދި ޝަފްރާޒަށް އިންޒާރު ދިން ސިފައިންގެ މީހާ، ސިފައިންގެ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް އޭނާގެ މައްސަލަ ބަލައި، އޭނާ އަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް