މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ "ދަރުސް ޕޯޓަލް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ދަރުސް ޕޯޓަލް އަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސްދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮށް ކަަމަށާއި ނަމަވެސް މި ޕޯޓަލްއާއިއެކު ކުރިއަށްވުރެ ފަސޭހައިން ހުއްދައަށް އެދެވޭއިރު ފޯމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ދަރުސް ޕޯޓަލްގައި ރެޖިސްޓްރީކޮށް، ހުއްދައަށް އެދުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގިގެންދާނެއެވެ.
އަދި މި ޕޯޓަލް މެދުވެރިކޮށް ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކައުންސިލްތަކަށް ހުއްދައަށް އެދެވޭނެއެވެ.
މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށްފަހު، ހުއްދަ ދެވިފައިވާގޮތަށް، ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ޕޯޓަލް މެދުވެރިކޮށް އެންގުމުގެ އިންތިޒާމް ޕޯޓަލްތެރެއިން ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް