ބައެއް ޤައުމުތަކުގައި ވެކްސިން ޖެހުުމުން ލަކީޑްރޯއިން ކުކުޅާއި ގެރި އަދި އެޕާޓްމަންޓް ދެނީ!

ތައިލެންޑް، އިންޑޮނޭޝިޔާ އަދި ހޮންގްކޮންގްގައި ވެކްސިން ޖަހާ މީހުނަށް ލަކީޑްރޯގައި ތަފާތު ހަދިޔާ ދޭން ފަށައިފިއެވެ. އެގޮތުން އެ ތަންތާގައި ވެކްސިން ޖަހާ މީހުންނަށް ލަކީޑްރޯގައި ދޭ ހަދިޔާގެ ތެރޭގައި ކު...

16 Jun 2021 | 18:51

ތައިލެންޑް، އިންޑޮނޭޝިޔާ އަދި ހޮންގްކޮންގްގައި ވެކްސިން ޖަހާ މީހުނަށް ލަކީޑްރޯގައި ތަފާތު ހަދިޔާ ދޭން ފަށައިފިއެވެ.

އެގޮތުން އެ ތަންތާގައި ވެކްސިން ޖަހާ މީހުންނަށް ލަކީޑްރޯގައި ދޭ ހަދިޔާގެ ތެރޭގައި ކުކުޅު، ގެރި އަދި މިލިއަން ޑޮލަރުގެ އެޕާޓްމަންޓްގެ އިތުރުން ވަޒީފާއިން ޗުއްޓީދިނުން ހިމެނެއެވެ.

މުޅި ދުނިޔޭގައި ވެސް ކޮވިޑްގެ ވަބާ ފެތުރެމުން އަދި ތަފާތު ވޭރިއަންޓްތައް ފެންނަމުން ދާ މި ދަނޑިވަޅުގައި، ސައުތު އޭޝިޔާގައި ވެސް މިދިޔަ ހަފްތާގައި ކޮވިޑްގެ ސާޖެއް އުފެދިފައި ވެއެވެ. އެހެންކަމުން އެ ގައުމުތަކުގައި މީހުން ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ލަކީޑްރޯ ބާއްވަނީއެވެ.

އުމުރުން 65 އަހަރުގެ އިންޚަމް ތޮންގްޚަމް އަށް ލަކީޑްރޯއިން އެއް އަަހަރުގެ އަންހެން ގެރިއެއް ލިބުނުން އޭނާ ހުރީ ވަރަށް އުފާވެފައެވެ. " މިއީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު ހަދިޔާ" އިންޚަމް ބުނެފައިވެއެވެ.

ދެވަނަ ހަފްތާގެ ލަކީޑްރޯގައި ގުރުއަތުލުމަށް 27 ގެރި އޮތީ ތައްޔާރަށެވެ. އެ ކެމްޕޭންގެ ސަބަބުން ގިނަ ބަޔަކު ވެކްސިން ޖެހުމަށް ރަޖިސްޓަރ ވަމުން ދެއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުނާއި ހައި ރިސްކް މީހުން ހިމެނެއެވެ.

ތައިލެންޑްގެ އާބާދީގެ 66 މިލިއަންގެ ތެރެއިން، ކޮވިޑް ދިފާއުގެ ވެކްސިން ޖަހާފައި ވަނީ 4.76 މިލިއަން މީހުންނެވެ.

މީގެ އިތުރުން ބައެއް ކުންފުނިތަކުން ވެސް މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެކްސިން ޖަހާ މީހުނަށް ޗުއްޓީ ވެސް ދެއެވެ. މީގެ އިތުރުން ކުޅިވަރު ކުލަބަކުން ވެކްސިން ނުޖަހާނަމަ ޕްރޮމޯޝަނާއި މުސާރައިގެ ކުރިއެރުން އަދި ބޯނަސް ނުދެއެވެ.

އިންޑޮނޭޝިއާގައި1.9 މިލިއަން މީހުނަށް ކޮވިޑް ޖެހިފައި ވެއެވެ. އަދި53،280 މީހުން އެގައުމުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް