ނަފުރަތުގެ ބިލާ ދެކޮޅަށް ގިނަ ކައުންސިލް ތަކަކުން ތެދުވަނީ

ނަފުރަތުގެ ބިލާ ދެކޮޅަށް ގިނަ ކައުންސިލް ތަކަކުން ބަޔާން ނެރެން ފަށައިފިއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި “ނަފްރަތުގެ އަމަލު ހިިންގުން”...

16 Jun 2021 | 15:38

ނަފުރަތުގެ ބިލާ ދެކޮޅަށް ގިނަ ކައުންސިލް ތަކަކުން ބަޔާން ނެރެން ފަށައިފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި “ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލެވެ.

މިހާތަނަށް 40 އާ ގާތްކުރާ އަދަދަކަށް ކައުންސިލްތަކުން ވަނީ އެ ބިލާ ދެކޮޅަށް ބަޔާން ނެރެފައެވެ. ކައުންސިލްތަކުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، އެ އިސްލާހަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ތަޢާރަޒުވާ ޤާނޫނުއަސާސީއާއި ޚިލާފު އިސްލާހެއް ކަމުގައި ދެކޭތީއާއި، އިސްލާހުގެ ސަބަބުން ދިވެހީންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި ކީރިތި ނަބިއްޔާ މުޙައްމަދުގެފާނަށް ފުރައްސާރަކޮށް ހަޖޫ ޖެހުން ޤާނޫނަކުން ހުއްދަ ކުރެވޭނެކަމަށް ބެލެވޭތީ އާއި އަދި އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެކުރަނީ ކުށެއްކަމުގައި ކަނޑައެޅުމުގެ އިސްލާހަށް ކައުންސިލްތަކުން ދެކޮޅު ކަމަށެވެ.

މީގެ އިތުރުން ބައެއް ކައުންސިލްތަކުން ބުނެފައި ވަނީ އެ ބިލް ފާސްވެއްޖެ ނަމަ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނެ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނި ކުރެވިގެން ދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އަދި އިސްލާމްދީނުގެ މުހިއްމު އެއް އަސާސް ކަމުގައިވާ މުންކަރާތްތައް ނަހީކުރުމުގެ ދޮރު ބަންދުވެގެން ދާނެގޮތަށް އެބިލު ފަރުމާ ކޮށްފައިވާކަން ޞަރީޙަބަހުން ދީނީ ޢިލްމުވެރިން ވިދާޅުވަމުން ދާކަމަށް ވެސް ބައެއް ކައުންސިލްތަކުގެ ނޫސް ބަޔާނުގައި ވެއެވެ.

އެބިލަށް ކައުންސިލްތަކުން ދެކޮޅު ހަދައި ނޫސްބަޔާން ނެރެމުންދާއިރު، ރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް އެ ބިލާ ދެކޮޅެވެ.

" ރާއްޖޭގެ ތިއްބެވި ހުރިހާ ޢިލްމުވެރިން، އެއީ ސަރުކާރަށް ތާޢީދު ކުރައްވާ ޢިލްމުވެރިޔަކަސް އަދި ނުކުރައްވާ ޢިލްމުވެރިޔަކަސް، އެ ބިލާ ދެކޮޅު ވީމާ، ހަމަބުއްދި ބުނަނީ އޭގައި ގޯހެއް އެބަ އުޅެޔޭއެވެ. އެއީ އޭގައި އޮތްނެތް އެއްޗެއް ނޭނގޭ މީހަކަށްވެސް އެވަރު މޭރުން ވާނެއެވެ." ޝެއިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވިއެވެ.

ބިލާ ދެކޮޅު ހައްދަވައި ދީނީ ޢިލްމުވެރިން ވާހަކަ ދައްކަމުން ދާއިރު، ސިޔާސީ ފިކުރުން މިނިވަންވެ، އިސްލާމްދީނުގެ ޙައްޤުގައި "ސެކިއުލަރ ބިލް" ބަލައި ނުގަތުމަށް ވޯޓް ދެއްވި އެންމެ ބޭފުޅުންގެ ފަރާތްޕުޅުން ފެނިގެން އެދިޔައީ އިސްލާމްދީނާ މެދު އެބޭފުޅުންގެ ހިތްޕުޅުގައިވާ ލޯތްބާއި އިޙްތިރާމް ކަމަށް ޝެއިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

މި ބިލާ ދެކޮޅަށް މިއަދުވެސް ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެފައި ވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކައުންސިލްތަކުން ބަޔާން ނެރެމުންދާނެކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް