ހިޔާ، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވެސް އެހެން މަޝްރޫޢަކުން ބޯހިޔާވަހިކަމަށް އެދެވިދާނެ: އަސްލަމް

ހިޔާ މަޝްރޫޢުގެ ފްލެޓުތައް ލިބުނު މީހުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުއެއް ދަށުން ހައުސިން ޔުނިޓަކަށް އެދެން ބޭނުންނަމަ އެފުރުޞަތު އޮންނާނ...

16 Jun 2021 | 15:22

ހިޔާ މަޝްރޫޢުގެ ފްލެޓުތައް ލިބުނު މީހުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުއެއް ދަށުން ހައުސިން ޔުނިޓަކަށް އެދެން ބޭނުންނަމަ އެފުރުޞަތު އޮންނާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ހިޔާ ފްލެޓްގެ އަގުތަކާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލާއެކު ކުރިއަށްގެންދިޔަ ފުރަތަމަ ބައްދަލުވުމަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. މިނިސްޓަރ ވިދާޅުވީ މި ފުރުޞަތު އޮންނާނީ ސޮއިކުރުމަށްފަހު ތިން މަސްދުވަހުގެ މުއްދަތަށް ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނުމީހުންނާއެކު އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ޖުލައި މަހުގެ 14ވަނަ ދުވަހު ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ނިންމަވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ ހިޔާ ފްލެޓްތަކުގެ އަގު އެންމެ ކުޑަކުރެވޭނެ ވަރަކީ ކޮބައިތޯ ބަލައި ކުރެވުނު މަސައްކަތުން ކުޑަކުރެވެން އޮތް އެންމެ ކުޑަ އަދަދު ކަމަށެވެ. ކުރީގެ ސަރުކާރުން ހިޔާ ފްލެޓް ތަކުގެ އަގު ހެދިއިރު އެކަން ކުރި ގޮތް ރަނގަޅު ނޫން ކަމަށް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވެ އެކަން ތަފްސީލް ކޮށްދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، 2018 ވަނަ އަހަރު ޖަހާފައި ހުރި ހިސާބުތަކަކީ އެއްވެސް ވަރަކަށް ލޯން ދައްކާނެ ގޮތަށް ބަލައިގެން ޖަހާފައި ހުރި ހިސާބުތަކެއް ނޫން ކަމަށެވެ. އޭރު އަގު ހަދާފައި ހުރީ ވަރަށް ސިމްޕަލްކޮށް، ކޮންސްޓްރަކްޝަން ކޮސްޓަށް އަންނަ އަދަދަށް 8 އިންސައްތަ އެއްކުރައްވައިގެން ހަދާފައި އޮތް ހިސާބެެއް ކަމަށެވެ.

އެހެން ނަމަވެސް އީއެމްއައި ހިސާބު ޖައްސަވާ ފޯމިއުލާ ބޭނުން ކުރެއްވުމުން، ކުރީ ސަރުކާރުން ވިދާޅުވާ އަދަދު ނާންނަ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޔުނިޓް ތަކުގެ ކުއްޔާއި ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ތަންތަނުން ލިބޭ އެއްޗަކުން، ދައުލަތުން މިކަމަށް ނަގާފައި އޮތް ލޯން ކޮންމެ ހަމަހަކުން އެއް މަހު އަނބުރާ ދައްކަން ބޭނުންވާ ލާރި އެބަ ލިބެން ޖެހޭ ކަމަށެވެ.

އެހެން ކަމުން ކޮންސްޓްރަކްޝަން ޕީރިއަޑްގައި ދިޔަ އިންޓަރެސްޓް ރޭޓާއި، ކޮންސްޓްރަކްޝަނަށް ދިޔަ އަގާ އެއްކޮށް، އެ ދެއަގު އެއްކޮށްގެން އީއެމްއައިއަށް ދައްކަންޖެހޭ ވަރު ބެލުމަށްފަހު، ޔުނިޓް ތަކުގެ އަގު ކަނޑައަޅަން ސަރުކާރުން ފަހުން ނިންމެވީ ކަމަަށެވެ.

ހިޔާ ފުލެޓް ދޫކޮށްލެވޭނެ އެއްމެ ކުޑަ އަގަކީ 7،500 ރުފިޔާ ކަމަށް މި ސަރުކާރުންވަނީ ކަނޑައަޅާފައެވެ. ކުރީގެ ސަރުކާރުން ފްލެޓްގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮތީ، 5600 ރުފިޔާއެވެ.

އަސްލަމް ވިދާޅުވީ، ފަންނީ އެކިއެކި ކެޓަގަރީތަކުން ހިޔާ ފްލެޓް ލިބުނު މީހުންނަށް، ސަރުކާރުގެ އެހެން މަޝްރޫޢަކުން ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ މިގޮތަށް ފުރުޞަތު ދިނުމަށް ނިންމީ، އެމީހުންގެ ޢާމްދަނީއާ އެކަށޭނަ އަދި ޖާގަ ތަނަވަސް ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން އެމީހުންނަށް ފުރުޞަތު ދިނުމަށް ކަމަށެވެ. ހިޔާ މަޝްރޫޢުގައި ހިމެނޭ ފަންނީ ދާއިރާތަކުގެ ތެރޭގަ ޑޮކްޓަރުންނާއި ނަރުހުންނާ އަދި ޓީޗަރުންނާއި ސިވިލް ސަރވިސްގެ އެހެނިހެން ކެޓަގަރީތައް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ފަންނީ ކެޓަގަރީތަކުގެ މީހުންގެތެރެއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢަކުން ހައުސިން ޔުނިޓަކަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް އަދިވެސް އެ ފުރުޞަތު އެބައޮތްކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ހިޔާ ފްލެޓަކީ ބޯހިޔާވަހިކަމުގެ ދަތިކަން އެންމެބޮޑަށް ކުރިމަތިވެފައިވާ އާއިލާތަކަށް ޚާއްސަކޮށްފައިވާ މަޝްރޫޢުއަކަށް ވާތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ވިނަރެސް" މަޝްރޫޢަކީ މިސަރުކާރުން ފަށާފަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސްވަނީ ނިމިފައެވެ. ޖުމްލަ 1344 ހައުސިންގ ޔުނިޓް މި މަޝްރޫޢުގައި ހިމެނެއެވެ. މި މަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް