މި ހިނގަމުންދާ ދައުރުގައި ސަރުކާރުގެ ފަރާތުން ހުށައަޅާ 8 ބިލެއްގެ ދެލިކޮޕީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިކަމާއި ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން އޮފީހުން ބުނީ ރައްތުންގެ މަޖިލީހުގެ މިހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގައި ޖުމުލަ 19 ބިލެއް މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާ ތަނަށް 8 ބިލެއް ފޮނުވިފައި ވާ ކަމަށެވެ.
މީގެ ތެރެއިން މިހާތަނަށް މަޖިލީހަށް ފޮނުވާފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ 2 ބިލާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ބިލުގެ އިތުރުން ޖަނަވާރުގެ ސިއްޙަތާއި ބެހޭ ބިލަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލެވެ.
މީގެ ތެރެއިން އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާ ބެހޭ ބިލާއި، ޖަނަވާރުގެ ޞިއްޙަތާބެހޭ ބިލާއި ކާބޯތަކެތީގެ ބިލާއި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ގިންތި ކުރުމުގެ ބިލަކީ ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކެކެވެ.
ފޮނުވާފައިވާ ބިލުތަކުގެ ތެރެއިން ބައެއް ބިލުތަކުގެ ފުރަތަމަ ކިއުން އިއްވާފައިވާއިރު ބައެއް ބިލުތަކުގެ އިބްތިދާޢީ ބަހުސްވެސް ވަނީ މަޖިލީހުގައި ފަށާފައެވެ.
މަޖިލީހުގެ މި ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރާ 19 ބިލުގެ ތެރޭގައި، ހެއްކާބެހޭ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގެ އިތުރުން ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލުގެ އިތުރުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެ ޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޟުވާ ޤާނޫނުތަކަށް އިޞްލާޙު ގެނައުމާގުޅޭ ބިލުތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް