ހަތް ބާވަތެއްގެ ވެލާ ކަހަނބުގެ ތެރެއިން ރާއްޖޭގެ ކަނޑުތަކުން ފެންނަނީ ފަސް ބާވަތް

ދުނިޔޭގެ ކަނޑުތަކުން މުޅި ޖުމްލަ 7 ބާވަތެއްގެ ވެލާކަހަނބު ފެނެއެވެ. މީގެ ތެރެއިން 5 ބާވަތެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފެނެއެވެ. މިބާވަތްތައް ތިރީގައި މިވަނީ އެންމެ ގިނައިން ފެންނަ ބާވަތުން، އެންމ...

16 Jun 2021 | 11:59

ދުނިޔޭގެ ކަނޑުތަކުން މުޅި ޖުމްލަ 7 ބާވަތެއްގެ ވެލާކަހަނބު ފެނެއެވެ. މީގެ ތެރެއިން 5 ބާވަތެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފެނެއެވެ.

މިބާވަތްތައް ތިރީގައި މިވަނީ އެންމެ ގިނައިން ފެންނަ ބާވަތުން، އެންމެ މަދުން ފެންނަ ބާވަތަށް ތަރުތީބުކުރެވިފައެވެ.

  1. ކަހަނބު (Hawksbill sea turtle)
  2. ވެލާ(Green sea turtle)
  3. ވާވޮށިވެލާ(Olive Ridley sea turtle)
  4. ބޯބޮޑުވެލާ (Loggerhead sea turtle)
  5. މުސިންބީ(Leatherback sea turtle)

މިއަދަކީ ދުނިޔޭގެ ވެލާ ކަހަނބުގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ޖޫން 16 ވަނަ ދުވަހު މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ވެލާކަހަނބު ހިމާޔަތްކުރުމުގެ މުހިއްމުކަމަށް އަލިއެޅުވުމެވެ.

ދިވެހިރާއްޖޭގެ ކަނޑު، ފަރުތަކުން ކަހަނބު އެންމެ ގިނައިން ފެނުނު ކަމުގައި ވިޔަސް، ރާއްޖޭގެ ގޮޑުދޮށްތަކުގައި އާންމުކޮށް ބިސްއަޅަނީ ވެލައެވެ. އެގޮތުން ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ގިނަ ރަށްރަށަށް އިރުއޮއްސުމާއި އިރުއެރުމާއި ދޭތެރޭ ވެލާ އަރާ ބިސްއަޅާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މިއާ ޚިލާފަށް ކަހަނބު ބިސްއަޅާކަމަށް ފާހަގަކުރެވިފައިވަނީ ނިސްބަތުން މަދު ރަށްރަށުގައެވެ. ވާވޮށިވެލާ ދިވެހިރާޖޭގައި ބިސްއަޅާފަވާކަމަށް ރިޕޯޓުކުރެވިފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. އަދި ބޯބޮޑުވެލަ އާއި މުސިންބީ ދިވެހިރާއްޖޭގައި ބިސްއަޅާކަމަށް ރެކޯޑުކުރެވިފައިނުވެއެވެ. ކަހަނބު އާންމު ގޮތެއްގައި ފެންނަނީ ފަރުތަކުންނެވެ. އަދި ވެލާ ގިނައިން ފެންނަނީ މޫދުވިނަ ގަނޑުތަކުންނެވެ.

ވެލާ ކަހަނބަށް ކުރިމަތިވާ ނުރައްކާތައް

ވެލާ ކަހަނބު ހިފުމާއި އޭގެ ބިސްނެގުން: ވެލާ ކަހަނބު ހިފުން މިއީ ދިވެހިރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. 1980 ގެ އަހަރުތަކުން ފެށިގެން 90ގެ އަހަރުތަކުގެ މެދަކާއި ހިސާބަށް ގިނަ އަދަދަކަށް ކަހަނބު ވަނީ ހިފާފައެވެ. ސަބަބަކީ ކަހަނބު ފަތާއި އެފަތުން ހަދާފައި ހުންނަ އެކިއެކި ސާމާނަކީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލު އެއްޗަކަށް ވެފައި އެފަދަ ސާމާނު ރަގަޅު އަގެއްގައި ވިކުމެވެ.

ނަމަވެސް 90ގެ މެދުތެރޭގެ އަހަރުތަކު ތެރޭގައި މިކަން ސަރުކާރުން މަނާ ކުރުމުގެ ސަބަބުންނާއި ބައިނަލްއޤުވާމީ ފެންވަރުގައިވެސް ކަހަނބު ފަތުން ހަދާފައި ހުންނަ ސާމާނު ބޭރުކުރުމަށް ހުރަސްތަކެއް އެޅުމާއި ގުޅިގެން މިކަން ވަނީ ވަރަށް މަޑުޖެހިފައެވެ. މިއާއި ހިލާފަށް ވެލާ ހިފުން މިހާރުވެސް ވަރަށް އާންމުކަމަކަށް ވަނީ ވެފައެވެ. އާންމު ގޮތެއްގައި ވެލާ ހިފާ އުޅެނީ އޭގެ މަސްކެއުމަށެވެ. ސަބަބަކީ ވެލާ މަހަކީ ޒަމާނުއްސުރެއް ދިވެހިންނަށް ވަރަށް މީރު އެއްޗަކަށް ވުމެވެ.

އޮއިވާލި ދަލުގައި ޖެހުން؛ މަސްވެރިކަމަށް ބޭނުންކޮއްފައި ކަނޑަށް ދޫކޮއްލާ ދާތަކުގައި ޖެހުމަކީ ވެލާކަހަނބަށް، ވަކިން ހާއްސަކޮށް ވާވޮށިވެލައަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. އެގޮތުން 2014 ވަނަ އަހަރާއި 2020 ވަނަ އަހަރާއި ދެމެދު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން 975 ވެލާ ކަހަނބު އޮއިވާލި ދަލުގައި ޖެހި ދާށިވެފައިވަނިކޮށް ފެނިފައިވާކަމަށް އަމިއްލަ ޖަމާއަތެއްކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓްއިން ރިޕޯޓުކޮއްފައިވެއެވެ. މީގެ 87% އިންސައްތައަކީ ވާވޮށިވެލައެވެ.

ޕްލާސްޓިކް ޕޮލިއުޝަން: ދުނިޔޭގެ ކަނޑުތަކުގައި އޮއިކުނީގެ ގޮތުގައި ޕްލާސްޓިކް ފެނުމަކީ މިހާރު ވަރަށް އާންމުކަމެވެ. ވެލާކަހަނބުގެ އަތްފައިގައި ޕްލާސްޓިކް ކޮތަޅު އޮޅުމާއި ޕްލާސްޓިކް ފަދަ ތަކެތި ހެރުމަކީ އެސޮރުމެންނަށް އަނިޔާ ލިބޭކަންކަމެވެ. މީގެ އިތުރުން، ބައެއް ބާވަތްތަކުގެ ވެލާ ކަހަނބަކީ މޫދުގައި އުޅޭ ޖެލީ ފިޝް ކައި އުޅޭ ބާވަތްތަކެވެ. ބައެއް ފަހަރު އެސޮރުމެންނަށް ޖެލީ ފިޝްކަމަށް ހީކޮށް ޕްލާސްޓިކް ކޮތަޅު ނުވަތަ ޕްލާސްޓިކް ގަނޑު ގަނޑު ކެވެއެވެ.

މީގެ ސަބަބުން އެސޮރުމެންގެ ގޮހޮރުގައި މައްސަލަޖެހި ކާއެއްޗެހި ހަޖަމުނުވުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ތެރޭގައި މަރުވެއެވެ. އަދި ތޫނު ޕްލާސްޓިކް ކޮޅު ކެއުމުގެ ސަބަބުން އެސޮރުމެންގެ އެތެރެހަށީގެ ގުނަވަންތަކަށް އަނިޔާ ލިބި، އެސޮރުމެން މަރުވެއެވެ.

މާހައުލީ ނިޒާމުތަކަށް ގެއްލުންވުން؛ ވެލާކަހަނބު ކައިބޮއެ އުޅޭ އަދި ބިސްއަޅާ މާހައުލުތަކަށް ގެއްލުން ލިބި ނެތިދިއުމަކީ އެސޮރުމެންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ފަރުތައް ހުދުވުމާއި، އެކިއެކި ތަރައްގީގެ މަޝްރޫއުތަކަށް ފަރުތަށް ކޮނުމުގެ ސަބަބުން ފަރުތަށް ކިލަނބު ވުމާއި ފަރުގެ މާހައުލު އެކީ ނެތިގެން ދިއުމަކީ އެސޮރުމެން ދިރިއުޅެން އެކަށީގެންވާ މާހައުލުތައް މަދުވަމުންދާ ކަންކަމެވެ.

މީގެ އިތުރުން އެސޮރުމެން ބިސްއަޅާ ގޮޑުދޮށް ތަކުގައި އަލިކަން ގަދަވެ، ހަލަބޮލިވުމަކީ އެސޮރުމެން ބިސްއެޅުމަށް ހުރަސްއެޅޭ ކަންކަމެވެ. އަދި ގޮޑުދޮށްތަކުގައި ކުނި ގިނަވެ، ހާލަތު ދަށްވުމަކީވެސް މިކަމަށް އެޅޭ ހުރަހެކެވެ. މީގެ އިތުރުން ވެލާ އަރާ ގިނަ ރަށްތަށް ފަތުރުވެރިކަމަށާއި އެކި އެކި މަޝްރޫއުތަކަށް ދޫކުރުމުން އެސޮރުމެން ބިސްއަޅާނެ ރަށްތަށް މަދުވެގެންދެއެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މުހިންމުކަން

ވެލާކަހަނބަކީ ފަރުގެ މާހައުލީ ނިޒާމު ރަގަޅަށް ފަންކްޝަން ކުރުމަށް ވަރަށް މުހިންމު ބާވަތެކެވެ. އެގޮތުން ވެލާއަކީ މޫދުވިނަ ގަނޑު  "ބަލަހައްޓަ"ދެއެވެ. އެސޮރުމެން މޫދުވިނަ ކެއުމުން، މޫދުވިނަ ގަނޑު މާބޮޑަށް ހެދުމުގެ ސަބަބުން އޮއެވަރު ބަދަލުވުމާއި މޫދުވިނައިގައި އުފެދޭ ފަންގަސް ފަދަ އެއްޗެހި އެޅުމުން ރައްކާތެރިކޮއްދެއެވެ. މޫދުވިނަ އަކީ މަސް އާލާވުމަށް ވަރަށް މުހިންމު މާހައުލެއްކަމުން، މޫދުވިނަ ރަގަޅު ހާލަތެއްގައި ބޭވުމަކީ ވަރަށް މުހިންމުކަމެކެވެ. ކަހަނބަކީ ފަރުތަކުގައި އުފެދޭ ސްޕޮންޖް ކައި އުޅޭ ބާވަތެކެވެ. ފަރުތަކުގައި ސްޕޮންޖް މާގިނަވުމަކީ އެތަންތަނުގައި މުރަކަ އުފެދުމަށް އެޅޭ ހުރަހެކެވެ.

އަދި ސްޕޮންޖު މާ ގިނަވުމުން ފަރުތަކުން ކާނާހޯދާ އެހެން ބާވަތްތަކުގެ ދިރުމަށް އުދަގޫވެއެވެ. އެހެން ކަމުން ކަހަނބު ސްޕޮންޖު ކައި، ފަރުގައި ސްޕޮންޖު އާލާވާ މިންވަރު ކޮންޓްރޯލްކޮއްފައި ހުރުމަކީ ފަރުގެ މާހައުލު ރަގަޅަށް ފަންކްޝަންކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި މީގެން އިތުރުން ކަނޑުތަކުގައި ޖެލީ ފިޝްގެ އަދަދު ކޮންޓްރޯލް ކުރުމާއި ނިއުޓްރިއަންޓް ސައިކަލް ކުރުން ފަދަ މުހިންމު ރޯލުތައް ވެލާ ކަހަނބު އަދާ ކުރެއެވެ.

ވެލާ ކަހަނބަކީ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ވަރަށް މުހިންމު ބާވަތެކެވެ. 2019 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ވިޒިޓާސް ސާވޭއިން އިގޭ ގޮތުގައި %57 ފަތުރުވެރިން ދިވެހިރާއްޖެ ހިޔާރުކުރީ ކަނޑު އަޑީގެ މާހައުލު ރީތިވުމުންނެވެ. އަދި %22 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ސްނޯކަލްކޮށް ފީނުމަށެވެ.

ޝައްކެއްނެތް ގޮތުގައި މިފަދަ ދަތުރު ތަކުގައި ވެލާކަހަނބު ފެނުމަކީ ފަތުރުވެރިންގެ ދަތުރު އިތުރަށް ފުރިހަމަކޮއްދޭނެ ކަމަކަށެވެ. ވަކިން ހާއްސަކޮށް ދުނިޔެއިން ވެލާކަހަނބު ފެންނަލެއް މަދުވެފައިވާ ދަނޑިވަޅެއްގައި މިފަދަ މަންޒަރުތައް ރާއްޖެއިން ފެނުމަކީ ފަތުރުވެރިން ރާއްޖެ އައުމަށް ޝައުގުވެރިކުރުވާނެކަމެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތައް:

  • ކަނޑަށް ޕްލާސްޓިކް އަދި ކުނި އެޅުން ހުއްޓާލުން
  • ގޮޑުދޮށަށް ކުނި އެޅުން ހުއްޓާލާ އެތަންތަން ސާފުކޮށް ބޭއްވުން
  • ވެލާ ކަހަނބާއި، އެސޮރުމެންގެ ބިސްނެގުން ހުއްޓާލުން (މިއީ ޤާނޫނީ ގޮތުންވެސް މަނާކަމެއް އަދި ޖޫރިމާ ކުރެވޭ ފަދަ ކަމެއް)
  • ވެލާ ކަހަނބު ހިފުމުގައި ހަރަކާތްތެރިވާ ރަހުމަތްތެރިންނާއި މީހުންނަށް ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދީ އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުއްލައި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރުން.
  • ވެލާ ކަހަނބުގެ މާހަލުތަކަށް ލިބޭ ގެއްލުމާއި ދެކޮޅަށް އަޑު އުފުއްލުން
  • އަނިޔާ ލިބިފައިވާ ވެލާ ކަހަނބެއް ފެނިއްޖެނަމަ ވެލާ ކަހަނބަށް ފަރުވާދޭ ތަނަކަށް ނުވަތަ އީޕީއޭއަށް އެންގުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް