އޮންލައިން ނޫސް "މިހާރު"ގައި ޝާއިޢުކުރި ޚަބަރަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދޭ މޭރުމަކުން އެމްޑީޕީގެ އެކްޓިވިސްޓް އަދި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ޓްވިޓާގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސަމާލު ކަމަށް އައުމުން، އެ މައްސަލަ ބަލަން ފަށައިފިއެވެ.
ނަފުރަތުގެ ބިލާއި ގުޅޭ ގޮތުން "މިހާރު" ނޫހުން ގެމެސްދިން ޚަބަރަކަށް ރައްދުދެއްވައި، ޖެނިފާ ވިދާޅުވެފައި ވަނީ ނަަފްރަތު ބިލުގެ ވާހަކަ ދައްކަން "މިހާރު" ނޫހުން ހުއްޓާލާނީ، އެ ނޫހުގެ ނޫސްވެރިއެއް މަޖީދީމަގު މެދުގައި މަރާލާފައި އޮއްވާ ފެނުމުންތޯ އެވެ.
"ކިހާ ދެރަކަމެއް މިހާރު ނޫސް. ކަލޭމެން ނަފްރަތު ބިލް އޭ ކިޔައިގެން ތި ކުޅޭ ގޭމް ހުއްޓާލާނީ ކަލޭމެންގެ މީހެއް މަޖީދީމަގު މެދުގައި މަރާލީމަތަ؟" ޖެނިފާ ވިދާޅުވެފައިވެއެވެ.
https://twitter.com/JenniferAishath/status/1405026438726635522
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ "ދުވަސް" އަށް ވިދާޅުވީ، އެ މައްސަލައިގައި މީޑިއާ ކައުންސިލްގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ.
ޝަހުބާން ވިދާޅުވި ގޮތުގައި، އެ މައްސަލައަކީ ކައުންސިލުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ނޫސްވެރިން ލިޔާ ޚަބަރެއްގެ ސަބަބުން މީސްމީޑިއާގައި އިންޒާރު ދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ދިވެހިރާއްޖޭން ކުރިއެރުން ހޯދަމުންދާއިރު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ،
މީގެ އިތުރުން، ޝަހުބާން ވިދާޅުވީ، ނޫހެއްގައި އޮންނަ ލިޔުމަކުން ނުވަތަ ޚަބަރަކުން ނުތަނަވަސްކަމެއް ވެރިވާ ނަމަ އެކަން އެ ނޫހެއްގެ ވެރިން، އެޑިޓަރުން ނުވަތަ ނޫސްވެރިންނާ ވާހަކަދައްކައިގެން އިސްލާހުކުރުމަކީ ރީތި ގޮތް ކަމަށެވެ. އަދި އެ ވަރުން ވެސް އިސްލާހުނުވެއްޖެ ނަމަ ގާނޫނީ އިމުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލާ ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.
ޢޭގެ ބަދަލުގައި ނޫސްވެރިން މަސައްކަތް ކުރަން ބިރުގަންނަ ގޮތަށް އިންޒާރުދީ ހެދުމަކީ ވަރަށް ބޭ އަދަބީ ކަމެއްގެ ގޮތުގައި ޝަހުބާން ސިފަކުރެއްވިއެވެ.
ޝަހުބާން ވަނީ މި ފަދަ ގޮތަކަށް ނޫސްވެރިންނާ މެދު އަމަލުތައް ނުބެހެއްޓުމަށް ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި އެހެނިހެން ފަރާތަތަކަށް ގޮވާލާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ ނޫސްވެރިން ވަނީ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް