ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމުގެ ފަސް ދުވަސް ކުރިން އެ މައްސަލައިގަ ހައްޔަރުކޮށްފައިވާ ދެ މީހަކު ލޯންޗެއްގައި ތިއްބަ ހިފެހެއްޓިކަން ފުލުހުން ކަށަވަރުކޮށްދީފި އެވެ.
އެ މައުލޫމާތު ލިބުމުން ފުލުހުންނާއި ނޫސްވެރިން ސުވާލު ކުރީ އިއްޔެ އެވެ. މިއަދު ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އެ ލޯންޗުގައި ތިބީ އެ މައްސަލައިގަ ހައްޔަރު ކުރި އަދުހަމް އަހުމަދު ރަޝީދާއި ތަހުމީން އަހުމަދެވެ.
ފުލުހުން ބުނީ އެ ދެމީހުން ފެނިފައިވަނީ ހުޅުމާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ތިއްބައި މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެ ލޯންޗު ހުއްޓުވީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިގެން ކަމަށް ފުލުހުންގެ ބުންޏެވެ.
ފުލުހުން ބުނީ އެ ލޯންޗުގައި ތަހުމީން ހުރިކަން ފުލުހުންގެ ސަމާލުމަކަށް ގެނެސްފައިވަނީ ނަޝީދަށް ހަމަލާ ދިން މައްސަލައިގަ އޭނާ ހައްޔަރު ކުރުމުން ކަމަށެވެ. އެކަމާއި ގުޅިގެން ފުލުހުން ބެލިބެލުމުން އެރޭ ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހުމީންގެ އިތުރުން ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އަދުހަމްވެސް ހުރިކަން އެނގިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ލޯންޗާއި ގުޅޭ މައްސަލަވެސް ނަސޭހަތް ދިނުމަށް ފަހު އެރޭ ނިމިފައިވާ ކަމަށް ބުންޏެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ މި ދެމީހުންގެ އިތުރުން ހައްޔަރު ކޮށްފައިވަނީ މުޖާދު އަހުމަދާއި، އަހުމަދު ފާތިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް