މުސްލިމަކާއި ދިމާލަށް ކާފަރެކޭ ބުނުމަކީ ގާނޫނީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި މެދު އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.
އިއްޔެ މި ބިލަށް މަޖިލީހުގައި ބަހުސް ފެށުމަށް ފަހު ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ އެ ކޮމިޓީ އަށެވެ. ރޭވަނީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ކުރިޔަށް ދާނެ ގޮތެއް ނިންމާފައި އެވެ.
އެގޮތުން މި ދެ އިދާރާގެ ކަމާ ބެހޭ ފަރާތްތައް ހާޒިރު ކުރަން ނިންމާފައިވާއިރު ހިޔާލު ހޯދުމަށް ފަހު ހަތްފާއެއްގެ ތެރޭގައި ބިލާއި މެދު ގޮތެއް ނިންމުމަށް ކޮމިޓިން ނިންމާފައިވެ އެވެ. ރޭގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ތިން އިދާރާގެ ބޭފުޅުން އަންނަ ހޯމަ ދުވަހުގެ ކުރިން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.
ކޮމިޓީގެ އަމާޒަކީ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން މި ބިލު ފާސްކުރުމެވެ.
މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް ކޮމިޓީން މަސައްކަތް ކުރާއި އިރު ގިނަ ބަޔަކު ދަނީ މި އިސްލާހާއި ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންވެސް ހިމެނެ އެވެ.
މި ބިލު ފާސްވެއްޖެ ނަމަ ރަސޫލާއަށް ފުރައްސާރަ ކުރުމުގެ މަހު ފަހިވާނެ ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. އަދި އިސްލާމް ދީނާއި ދެކޮޅު ހިޔާލު ފާޅުކޮށް ހަދާ މީހުން ހިމާޔަތް ކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް