ބަޔޯޑިގްރޭޑަބްލް ކޮތަޅު ކަމަށް ބަލާނެ މިންގަނޑު އާންމުކޮށްފި

ދިވެހިރާއްޖޭގައި ބަޔޯޑިގްރޭޑަބްލް ކޮތަޅުގެ ގޮތުގައި ބަލާނޭ މިންގަނޑުތައް އާންމުކޮށްފިއެވެ. ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން އަންގައިދޭ ސެޓިފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ 13432:2000 EN "ރިކުއަރމަންޓްސް ...

16 Jun 2021 | 07:44

ދިވެހިރާއްޖޭގައި ބަޔޯޑިގްރޭޑަބްލް ކޮތަޅުގެ ގޮތުގައި ބަލާނޭ މިންގަނޑުތައް އާންމުކޮށްފިއެވެ.

ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން އަންގައިދޭ ސެޓިފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ 13432:2000 EN "ރިކުއަރމަންޓްސް ފޮރ ޕެކޭޖިންގ ރިކަވަރަބްލް ތުރޫ ކޮންޕޯސްޓިންގ އެންޑް ބަޔޯޑިގްރެޑޭޝަން – ޓެސްޓް ސްކީމް އެންޑް އިވެލުއޭޝަން ކްރައިޓީރިއާ ފޮރ ދަ ފައިނަލް އެކްސެޕްޓެންސް އޮފް ޕެކޭޖިންގ" މިންގަނޑަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ އަދި ކޮތަޅުގައި ހުންނަ ހެވީމެޓަލްސްގެ މިންވަރު އެ މިންގަނޑަށް ވުރެ އިތުރު ނުވާ ނަމައެވެ.

މީގެ އިތުރުން ބަޔޯޑިގްރޭޑަބްލް ކޮތަޅުގެގޮތުގައި ބެލޭނީ ގިނަވެގެން 180 ދުވަހުގެ ތެރޭގައި ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ ނުވަދިހަ އިންސައްތަ އަމިއްލަ ޒާތުގައި ނެތިފަނާވެގެންދާ ބާވަތުގެ ކޮތަޅަކަށް ވާނަމަ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ، އެންމެ މަދުވެގެން  ނުވަދިހަ އިންސައްތަ އަކީ އޯގަނިކް މެޓީރިއަލް ކަމުގައި ވުމާއި، ކޮތަޅު ނެތި ފަނާވެގެން ދިއުމުގައި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއް މާޙައުލުތެރެއަށް ބޭރުވެގެން ނުދިއުމާއި، ކޮތަޅު ތައްޔާރުކުރާ މެޓީރިއަލްގެ ނޮންބަޔޯޑިގްރޭޑަބްލް ފްރެކްޝަން އިންސައްތައަށްވުރެ މަތި ނުވުން ވެސް ބަޔޯޑިގްރޭޑަބްލް ކޮތަޅުގެގޮތުގައި ބަލާނޭ މިންގަނޑުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމަ އެހެންމެ ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކޮތަޅެއް ނަމަ، އެ ކޮތަޅު އުފައްދައިފައިވާ މެޓީރިއަލްއަކުން، އޭގައި ބަންދުކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރުން ވެސް ހިމެނެއެވެ.

ބަޔޯޑިގްރޭޑަބްލް ކޮތަޅުގެ ތެރޭގައި ހިމެނުމަށްޓަކައި ކޮތަޅު ތައްޔާރުކުރުމަށް ބޭނުންކުރާ އެޑިޓިވްސްގެ ތެރޭގައި ހިމެނޭ ޕޮލިމަރސް، އޯގޭނިކް އެޑިޓިވްސް، އިންއޯގޭނިކް ފިލަރސް، ސްޓެބިލައިޒަރސް، ޕްރޮ-އޮކްސިޑަންޓްސް، ފަދަ އެޑިޓިވްސްގެ މާއްދާއަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭ މާއްދާއެއް ކަމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅައިފައިވާނަމަ، އެ މާއްދާއެއް 0.1 އިންސައްތައަށް ވުރެ  ދަށްވާންޖެހެއެވެ.

ކޮތަޅުގެ ބޭރުފުށުގައި ފުރިހަމަ ވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ނެތިފަނާވުމަށް ބޭނުންވާ ޝަރުޠުތައް ލިޔެފައި ހުރުމާއި، ނެތިފަނާވުމަށް ނަގާ މުއްދަތު އަދި އުފެއްދި ތާރީޚާއި، ކޮތަޅުގައި އެކުލެވޭ ބަޔޯޑީގްރޭޑަބްލް އެޑިޓިވްސްގެ ނަމާއި، ކޮތަޅު ރާއްޖެއަށް އެތެރެކުރި ނުވަތަ ރާއްޖޭގައި އުފެއްދި ފަރާތުގެ ނަން ނުވަތަ ލޯގޯއާއި، އޭޖެންސީން ދޫކުރާ ސެޓުފިކެޓު ނަންބަރު ހުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް