ކާށިދޫގައި އަޅާ "ޖާބިރު އެއާޕޯޓު" އާއި ގުޅޭ އުފާވެރި ހަބަރެއް ރައްޔިތުންނަށް ދެއްވައިފި

ކ. ކާށިދޫގައި އެއާޕޯޓު އެޅުމަށް ވަރަށް އަވަހަށް ސަރުކާރަށް ލިޔެކިޔުންތައް ހުށަހަޅާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. ޖާބިރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖި...

16 Jun 2021 | 06:47

ކ. ކާށިދޫގައި އެއާޕޯޓު އެޅުމަށް ވަރަށް އަވަހަށް ސަރުކާރަށް ލިޔެކިޔުންތައް ހުށަހަޅާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަން، ކައުންސިލުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ސިވިލްސާވިސްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ބެހޭ ގޮތުން ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު އަމިއްލަ ހަރަދުގައި އެޅުމަށް ހަމަޖެހިފައިވާ މި އެއާޕޯޓާއި ގުޅޭގޮތުން ވިދާޅުވީ ލިޔެކިޔުންތައް ސަރުކާރަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. އަދި މިއީ ކާށިދޫ ރައްޔިތުންނަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އިތުރު ތަފްސީލް މިއަދުގެ ޖަލްސާގައި ނުދެއްވަ އެވެ.

އެއާޕޯޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިދިޔަ އަހަރުގެ ޖޫން މަހު ކާށިދޫ ރައްޔިތުންނަށް ޖާބިރު ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކަވާފައިވާ ކަމަށާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ޖާބިރު ވިދާޅުވެފައިވަނީ ކާށިދޫގައި އަޅާ އެއާޕޯޓު ތަރައްގީ ކުރަނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ. މިޕްރޮޖެކްޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މިދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެއް ކަމުގައިވާ އަހުމަދު މަހުރީން ވަނީ ހަމަޖައްސާފައިވާ ކަމަށް ޖާބިރު ރައްޔިތުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކާށިދޫގައި އަޅާ އެއާޕޯޓަށް ކިޔާ ނަމެއްގެ ގޮތުގައި އޭނާ ހަމަޖައްސާފައިވަނި "ޖާބިރު އެއާޕޯޓު" އެވެ. ޖާބިރު ވިދާޅުވީ އެ ރަށުގައި އަޅާ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1320 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނާނެއެވެ. އަދި 60 މީޓަރުގެ ޓެކްސީވޭއަކާއި 45 މީޓަރުގެ އޭޕްރަންއެއް ގާއިމުކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް