ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަފާތު ވަނީ ގައުމު އިސްކުރާތީ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެ މަނިުފާނު ތަފާތުވާ ސަބަބު ވިދާޅުވެދެއްވައިފިއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ތަރައްގީ އަށް ކުރާ މަސައްކަތް ފާހަގަކޮށް ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދުގައެވެ.
ރޮޒެއިނާ ވިދާޅުވީ ފެނިގެން މިދިޔައީ ޕާޓީ ސިސްޓަމް ރާއްޖެ އަށް އައިފަހުން ރާއްޖޭގައި ނުފެންނަ ގާނޫނީ ރޫހު އާލާވާ ފަދަ މަންޒަރެއް ކަމަށެވެ.
"ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލަކާއި އެކު ސަރުކާރުން މާލެ ތަރައްގީ އަށް މަސައްކަތް ކުރާތަން. މިއީ ރައީސް ޞާލިހު ތަފާތުވާ ސަބަބަކީ. ގައުމު އިސްކުރާތީ" ރޮޒެއިނާ ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1404901543535464452
މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާފައެވެ. 300 މީހުންނާއެކު ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު ހުންނެވި، ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ އެ ޕާޓީގައެވެ. މިއީ މާލޭ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލުނު ފުރަތަމަ ފަހަރެވެ.
ސިޓީ ކައުނސިލްގައި ޕީޕީއެމް ތަމްސީލް ކުރައްވަނީ، މާލޭ މޭޔަރު މުހައްމަދު މުޢިއްޒާއި، ވިލިމާލޭ ނަހުލާ އަލީ އާއި ހުޅުމާލޭ އިބްރާހިމް ޝުޖާއު އާއި މާފަންނު މެދު ދާއިރާ އަހްމަދު ނަރީޝް އާއި މާފަންނު ހުޅަނގު ދާއިރާ އިބްރާހިމް އަބޫބަކުރާއި މާފަންނު ދެކުނު ދާއިރާ އަބްދުﷲ ނާސިރު އާއި މައްޗަންގޮޅި ދެކުނު ދާއިރާ އާއިޝަތު ނާޒިމާ އާއި މައްޗަންގޯޅި އުތުރު ދާއިރާ ސަޢީދާ ރަޝާދު އާއި ހެންވޭރު ދެކުނު ދާއިރާ ޝަމްނާޒް އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާ އަހްމަދު އައިފާނުގެ އިތުރުން މެދު ހެންވޭރު ދާއިރާ އިބްރާހިމް މުހައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް