އިންޑިއާއަށް އެހީ ވުމަށް ކަމަށް ބުނެ ހޯދާ ފައިސާ ޕާކިސްތާނުގެ ޖަމިއްޔާތަކުން ޓެރެރިސްޓުންނަށް ހޭދަ ކުރާ ކަމުގެ ތުޙުމަތު

ކޮވިޑުގެ ސަބަބުން ހާލުގައި ޖެހިފައިވާ އިންޑިއާއަށް ހީވުމުގެ ނަމުގައި ހޯދާ ފައިސާއިން ޕާކިސްތާނުގެ ބައެއް ޖަމާޢަތްތަކުން ނިރުބަވެރި ގުރޫޕުތަކަށް ޚަރަދު ކުރާ ކަމަށް އައިބީޓީ ޓައިމްސްއިން ރިޕޯޓު ކޮށްފިއެ...

16 Jun 2021 | 04:42

ކޮވިޑުގެ ސަބަބުން ހާލުގައި ޖެހިފައިވާ އިންޑިއާއަށް ހީވުމުގެ ނަމުގައި ހޯދާ ފައިސާއިން ޕާކިސްތާނުގެ ބައެއް ޖަމާޢަތްތަކުން ނިރުބަވެރި ގުރޫޕުތަކަށް ޚަރަދު ކުރާ ކަމަށް އައިބީޓީ ޓައިމްސްއިން ރިޕޯޓު ކޮށްފިއެވެ.

ޕާކިސްތާނާއި ގުޅުން ހުރި އެމެރިކާގެ ޖަމިއްޔާތަކަކުން ވަނީ އިންޑިއާގައި ކޮވިޑުގެ ޙާލަތު ދަށަށް ދިއުމާއި ގުޅިގެން، އެ ޤައުމަށް އެހީ ވުމަށް ކަމަށް ބުނެ ގިނަ ހެޔޮ އެދޭ ފަރާތްތަކެއްގެ އަތުން ފައިސާ ނަގާ، އެ ފައިސާ ޕާކިސްތާނުގެ ނިރުބަވެރި ގުރޫޕުތަކަށް ހޭދަ ކޮށްފައި ކަމަށް އައިބީޓީޓައިމްސް އިން ބުނެއެވެ.އައިބީޓީ ޓައިމްސްއިން ބުނާ ގޮތުގައި،ގިނަ ޖަމިއްޔާތަކެއް މެދުވެރި ވެގެން މި ފަދަ ފައިސާގެ އެހީ ފޯރު ކޮށް ދެނީ ނިރުބަވެރި ގުރޫޕުތަކަށާއި ޕާކިސްތާނުގެ އަސްކަރިއްޔާއަށެެވެ.

ވޭތުވެ ދިޔަ އޭޕްރިލް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިންޑިއާއިން އެމެރިކާއަށް ކޮވިޑުން އަރައިގަތުމަށް އެހީތެރިކަން ފޯރު ކޮށްދިން ފަދައިން، އިންޑިއާއަށްވެސް އެހީތެރިކަން ފޯރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.މި ކަމުގެ ސަބަބުން، އެމެރިކާގެ ގިނަ ރައްޔިތުންނަށް އިންޑިއާއަށް މާލީ ގޮތުން އެހީތެރިކަން ފޯރު ކޮށް ދިނުމަށް ހިތްވަރު ލިބިފައި ވެއެވެ.ނަމަވެސް، އެމެރިކާގައި ޙަރަކާތްތެރިވާ ޕާކިސްތާނުގެ ޗެރިޓީ ގުރޫޕުތަކަކުން ވަނީ މި ކަމުގެ ނާޖާއިޒު ފައިދާ ނަގަން ފަށާފައެވެ. އެގޮތުން، ޑިސްއިންފޯ ލެބުން އާންމު ކުރި ރިޕޯޓެެެއްގައި ވާގޮތުގައި، އިމާނާ ނަމަކަށް ކިޔާ ސިއްޙީ އެހީތެރިކަން ފޯރު ކޮށްދޭ ޗެރިޓީ ޖަމިއްޔާއަކުން ވަނީ އިންސްޓަގްރާމްފަދަ މަޤްބޫލު މީސްމީޑިއާ މަންސަތައް ބޭނުން ކޮށްގެން ގިނަ އަދަދަކަށް ފައިސާ ހޯދާފައެވެ. ނަމަވެސް، މި ގޮތުން އެއްކުރެވުނު އެތަކެއް ލައްކަ ފައިސާއެއް ހޭދަ ކުރި ގޮތުގެ ތަފްސީލެއް މި ޖަމިއްޔާއިން އާންމު ކޮށްފައި ނުވާ ކަމަށް ބުނެ ޑިސްއިންފޯ އިންވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން، "ހެލްޕް އިންޑިއާ ބްރީތު އަގެއިން"ގެ ނަމުގައި އިމާނާއިން މީސްމީޑިއާގައި ހިންގި ކެމްޕޭނަށް ވަނީ 8.7 ކަރޯޑު ރުޕީސް ލިބިފައެެވެ. މިއީ، އެ ޖަމިއްޔާއިން ފުރަތަމަ އަމާޒު ކުރި ވަރަށް ވުރެ 6.9 ކަރޯޑު އިތުރު އަދަދެކެވެ.ނަމަވެސް އަމާޒު ކުރާ އަދަދަށް ވުރެ، ފައިސާ ލިބެމުން ދިޔަ އަދަދު ގިނަ ވަމުން ދިޔަ ވަރަކަށް، އިމާނާއިން 2 ފަަަހަރެއްގެ މަތިން އަމާޒު އަދަދު ނުވަތަ ޓާގެޓު މައްޗަށް އުފުލާފައިވާކަން ފާހަގަ ކޮށްލެވެއެވެ.އަދި ހަމަ މި ކެމްޕޭނު މެދުވެރިކޮށް، އެހެނިހެން މަންސަތަކުގައިވެސް ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވާއިރު، އެހީގެ ގޮތުގައި ލިބުނު ޖުމުލަ އަދަދެއްވެސް އިމާނާއިން އާންމު ކޮށްފައެއް ނުވެއެވެެ.

މި ޖަމިއްޔާގެ ޗެއަރމަން ޑރ.އިސްމާއިލް މެހެރް ވިދާޅުވެފައިވާ ގޮތުގައި، މި ފަންޑު ބޭނުންކޮށް އިމާނާއިން ވަނީ އިންޑިއާއަށް އެއްލައްކަ ނޭސަލް ކެނިއުލާއާއި، 40 ހާސް މާސްކުގެ އިތުރުން، 450 އޮކްސިޖެން ކޮންސެންޓްރޭޓަރު ހަދިޔާ ކޮށްފައެވެ.ނަމަވެސް މި އެހީގެ ސާމާނު ދިއްލީއަށް ފޯރާފައެއް ނުވެއެވެ.އަދި އިމާނާއިން މިފަދަ އެހެން ޖަމިއްޔާތަކާއި އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މި ރިޕޯޓުގައި ބުނެއެވެ.މީގެ ތެރޭގައި ސައްޔިދު ފައުންޑޭޝަންވެސް ހިމެނެއެވެ.ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ވުމަށް ކަމަށް ބުނެ މިފަދަ ޖަމިއްޔާތަކުން ފައިސާ ޖަމާ ކުރާ މިންވަރާ އަޅާ ބަލާއިރު، މި ޖަމިއްޔާތަކުން ހޭދަ ކުރާ މިންވަރާއި އިންތިޒާމް ކުރާ ހަރާތްކަތްތައް ސުވާލު އުފެދޭ މިންވަަރަށް މަދު ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ރިޕޯޓުން އިތުރަށް ބުނާ ގޮތުގައި، މިހާރު އިމާނާއިން އަންނަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ވުމުގެ ނަމުގައި ފައިސާ ހޯދުމުގެ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. މެއި މަހު ފަށާފައިވާ މި ކެމްޕޭނުން ޣައްޒާއަށް 2 މިލިއަން ޑޮލަރުގެ ސިއްޙީ އެހީތެރިކަން ފޯރު ކޮށް ދެވޭނެ ކަމަށް އިމާނާއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް