މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވަން އެ ޕާޓީގެ އަސާސީ ގަވައިދުގައި ކަނޑައަޅައިފި އެވެ.
މިގޮތަށް ކަނޑައަޅާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެވެ. އެގޮތަށް ކަނޑައެޅުމަށް ފަހު އެކަން ފާސްކުރަން މިމަހު އޮންނަ ކޮންގްރެސްއަށް ހުށަހެޅުމަށްވެސް ވަނީ ފާސްކޮށްފައި އެވެ.
މި ގޮތަށް ފާސްކުރީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ޖޭޕީގެ ކައުންސިލް މެންބަރަކު ވިދާޅުވީ މި ބަދަލު ގެނައީ މި ޒަމާނުގެ އުސޫލުތަކަށް ފެތޭގޮތަށް ބަދަލު ގެނައުމަށް ކަމަށެވެ. އަދި ބޭނުމަކީ ގިނަ ބަޔަކަށް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުތުސަތު ދިނުން ކަމަށެވެ.
ޖޭޕީގެ އަސާސީ ގަވައިދު ކުރިން އޮންނަ ގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓަކީ ޕާޓީގެ ލީޑަރަށް އެކަނި ހައްގު އެއްޗެކެވެ. އެ ޕާޓީ އުފެދުނީންސުރެ އަދިވެސް އެ މަގާމުގައި ހުންނެވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
ގާސިމް ވަނީ މިދިޔަ ދެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. ޖަރުމަނުގައި މިހާރު އުޅުއްވާ ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އަދި 65 އަހަރު ވެފައި ވުމުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން މިހާރު ގާނޫނު ތަނެއް ނުދެ އެވެ.
ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 ގައި ޕެރަޑައިސް އައިލެންޑު ރިސޯޓުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް