މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ބްރޯޑްކާސްޓިން ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޓީވީ ނުވަތަ ރޭޑިއޯ ސްޓޭޝަނެއްގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހަކަށް ކަމަށެވެ. އަދި ބޭރުގެ ނޫސްވެރިއަކު ނަމަ އެމީހަކު ތަމްސީލް ކުރާ ބައިނަލް އަގުވާމީ ނޫސް އިދާރާއަކީ އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ ތަނެއް ކަމަށް ވާންޖެހޭނެ ކަމަށެވެ.
މޮނީޓަރުންނަށް ވުމަށް އެދި ފޯމު ހުށަހަޅަން ޖެހެނީ މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަތޮޅު ތެރޭގައި ހިންގާ ނޫސް މަޖައްލާތަކުން އެ ސިޓީއެއް ނުވަތަ ރަށު ކައުންސިލްގައި ގާއިމްކޮށްފައިވާ އިލެކްޝަންސްގެ ފޯކަލް ޕޮއިންޓަށެވެ.
އީސީން ދޫކުރާ މޮނިޓާ ކާޑު ގެއްލިއްޖެ ނަމަ އަލުން ހަދައިދެނީ 95 ރުފިޔާގެ ޖޫރިމަނާ އަކާއި އެކު އެވެ. އެ ކޮމިޝަނުން ބުނީ މޮނިޓަރުންނަށް ފާސް ދޫކުރާނީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ އަދަދުގެ 10 ޕަސެންޓު އިތުރު ނުވާނެ ވަރަށް ކަމަށާއި އެއަށް ވުރެ އިތުރުވާ ފޯމުތަށް ބަލައި ނުގަންނާނެ ކަމަށެވެ.
އިންތިހާބުގައި މޮނީޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 23 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް