މިއަހަރުގެ ފިތުރު އީދު ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނާއި އެކު ފާހަގަ ކުރައްވައިފި އެވެ.
މިއީ އެ ކުދިންނާއި އެކު މިނިސްޓަރު ފިތުރު އީދު ފާހަގަ ކުރެއްވި ތިން ވަނަ އަހަރެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އީދު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީން އޮލިމްޕަހުގައި ކާޓޫން ފިލްމެއް ކަމަށްވާ "ސިންގް" ގެ ހާއްސަ ޝޯއެއް އިންތިޒާމު ކުރި ކަމަށެވެ. އެ ޝޯ ބަލާލުމަށް ފިޔަވަތީގައި ތިބި އުމުރުން ހަތަރު އަހަރުން މަތީގެ 72 ކުދިންނާއި އެކު މިނިސްޓަރު ޒެނީޝާ އާއި ފިޔަވަތީގެ މުވައްޒަފުންނާއި މިނިސްޓްރީގެ މުވައްޒަފުންނާއި އާއިލާތަކުން ބައިވެރިވި ކަމަށެވެ.
މީގެ އިތުރުން އީދު ފާހަގަ ކުރުމަށް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައިވެސް ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ކުދިން ބައިވެރިކޮށްގެން ޕިކްނިކް ދަތުރެއް ދިއުމާއި، ބައެއް ކުޅިވަރު ހަރަކާތްތައް އިންތިޒާމުކޮށްފައިވާ ކަމަށް ޖެންޑާ އިން މައުލޫމާތު ދެ އެވެ.
މީގެ ތެރެއިން ބައެއް ހަރަކާތްތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގެންނަވާނެ އެވެ.
ތަފާތު ސަބަބު ތަކާއި ހެދި ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު 136 ކުދިން އެ ބަތިއްބެވެ. އެއީ ފިޔަވަތީގައި ތިބި އުމުރުން 13 އަހަރުން ދަށުގެ 87 ކުދިންނާއި އަމާން ވެއްޓާއި ކުޑަކުދިންގެ ހިޔާގައި ތިބި 13 އަހަރާއި 18 އަހަރާއި ދެމެދުގެ 49 ކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް