ފީފާ ވޯލްޑް ކަޕްގައި، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު މޮޅު ކުޅުމާއި، ހެޓްރިކާއެކު، ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި މެޗު 3-3 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.
ގްރޫޕް ބީ ގެ ގަދަ ދެ ބާރުގެ ގޮތުގައި ބަލާ ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ފެށިގެން 3 ވަނަ މިނިޓުގައި ސްޕެއިންގެ ޑިފެންޑަރ ނަޗޯ ރޮނާލްޑޯއަށް ކުރި ފައުލްއަކާ ގުޅިގެން ޕޯޗުގަލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށް، ރޮނާލްޑޯ ޕޯޗުގަލްއަށް މެޗުގެ ކުރީކޮޅު ލީޑު ނަގައިދިނެވެ.
ޕޯޗުގަލްގެ ލަނޑަށް ފަހު ސްޕެއިންއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ކުދި ޕާސްތައް ޖަހައިގެން ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއިރު، ޕޯޗުގަލްއަށް ވަނީ ކައުންޓަރ އެޓޭކްގައި ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފައެވެ.
މެޗު ޑޮމިނޭޓް ކުރަމުން އައި ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 24 ވަނަ މިނިޓުގައި ޑިއޭގޯ ކޮސްޓާއެވެ. ސްޕެއިން އިން ކުރިއަށް ކުޅުނު ބޯޅައެއް ޕެޕޭއަށް ސާފުކޮށްލެވުމުގެ ކުރިން ޑިއޭގޯ ކޮސްޓާ ހޯދާ، ބޯޅަ ގޯލަށް ފޮނުވާލީ ޕޯޗުގަލްގެ 3 ޑިފެންޑަރުން އޭނާ ހުއްޓުވަން މަސައްކަތް ކުރަނިކޮށެވެ.
މެޗުގެ ފުރަތަމަ ހާފު އެއްވަރު ވެގެން ނިމެން ދަނިކޮށް، މެޗުގެ ހީރޯ ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް އަނެއްކާ ވެސް ލީޑު ނަގައިދީފައެވެ. ސްޕެއިންގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުނު ބޯޅައެއް ހޯދައި، ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ސްޕެއިންގެ ގޯލްކީޕަރ ޑޭވިޑް ޑެ ހެއާ އަތުގައި ޖެހިފައެވެ. މިއީ މި ފެންވަރުގެ ކީޕަރެއްގެ އަތުން ވަދެގެން ނުވާނެފަދަ ލަނޑެކެވެ.
ފުރަތަމަ ހާފު ލީޑުގައި އޮވެ ޕޯޗުގަލްއިން ނިންމާލިއިރު، ދެ ވަނަ ހާފު ފެށިގެން އަނެއްކާ ވެސް ފެނިގެން ދިޔައީ ސްޕެއިންއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި، އަވަސް ޕާސްތަކާއެކު ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ މަންޒަރެވެ. ނަތީޖާއަކަށްވީ މެޗުގެ 55 ވަނަ މިނިޓުގައި ސާޖިއޯ ބުސްކެޓް ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެން އަނެއްކާ ވެސް ޑިއޭގޯ ކޮސްޓާ ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.
ސްޕެއިން އިން ދެ ވަނަ ފަހަރަށް ފަހަތުން އަރާ ނަތީޖާ ހަމަހަމަކުރިތާ 3 މިނިޓު ފަހުން، ނަޗޯ އޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ބާރު ހަމަލާއެއް އަރިމަތީ ދަނޑީގައި ޖެހިފައި ގޯލަށް ވަދެ ސްޕެއިންއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނެވެ.
ސްޕެއިން އިން މޮޅަކާއެކު މެޗު ނިންމާލާނެކަމަށް ބެލެވުނަސް، އެ ޓީމުގެ އޭރިޔާގެ ކައިރިން ފަހު ވަގުތު ލިބުނު ހިލޭ ޖެހުމެއް ރޮނާލްޑޯ ލަނޑު ޖަހައި، ޕޯޗުގަލްއަށް ޕޮއިންޓެއް ކަށަވަރު ކޮށްދިނެވެ. މިއީ ފަހުގެ ތާރީޚުގައި ވެސް ރޮނާލްޑޯގެ ފަރާތުން ފެނުނު އެންމެ ހިތްގައިމު އެއް ހިލޭ ޖެހުމެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކެވެ. މިއާއެކު މި ވަގުތު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް ރޮނާލްޑޯގެ ނަމެވެ. އަދި ރޮނާލްޑޯ ވަނީ ޖެހިޖެހިގެން 4 ވޯލްޑް ކަޕްގައި ލަނޑު ޖެހި މަދު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައި ވެސްމެއެވެ.
މިރޭ މި ގްރޫޕްގައި އިރާން އާއި މޮރޮކޯ ބައްދަލުކުރި މެޗުން 1-0 ން އިރާން މޮޅުވެފައި ވުމުން މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި އޮތީ އިރާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް