ރަސްރަނި ބަގީޗާގައި ތަރައްގީ ކުރި "ވިންޓާ ތީމް ޕާކު" ހުޅުވައިފި އެވެ.
މި ޕާކު ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އާންމުންނަށް ވިންޓާ ތީމް ޕާކު ހުޅުވާލާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އެތަނަށް ވަނުމަށް ޓިކެޓެއް ނަގަން ޖެހޭނެ ކަމަށާއި ޕާކަށް ވަދެވޭނީވެސް ކިއު ނަމްބަރެއް ނަގައިގެން ކަމަށެވެ. އެ ނަމްބަރު ކިއޫބީ އެޕްލިކޭޝަން މެދުވެރިކޮށްވެސް ނެގޭނެ އެވެ.
މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ހޫނު ގައުމަކަށް ވުމުން އިމާރާތް ހަދާފައިވަނީ ހާއްސަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން އެތަނުގެ ވަށައިގެން ފިނި ހިފަހައްޓާ ގޮތަށް އަށް އިންޗިއަށް ވުރެ ބޯ ފާރެއް ލާފައިވާ ކަމަށް ވިދާޅުވި އެވެ.
މި ޕާކްގައި ސްނޯ ވެހޭ ތަނަކާއި ސްލައިޑާއި އައިސް ސްކޭޓްކުރަން ހާއްސަ ބައެއް ހަދައިފަ ވެއެވެ. ވިންޓާ ތީމް ޕާކުގެ އިމާރާތުގެ ހުރިހާ އެއްޗެއް ޑިޒައިންކޮށް ތައްޔާރުކޮށްފައި ވަނީ ފްރާންސްގަ އެވެ. ސްނޯގެ ކުޅިވަރުތައް ދަސްކޮށްދޭން ފްރާންސްގެ އައިސްހޮކީ ޗެމްޕިއަނެއްގެ އެހީތެރިކަން ކުރިއަށް އޮތް ތިން މަހު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިންޓާ ތީމް ޕާކް ހިންގަން ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޑައިމަންޑް ވިންގްސްއާ އެވެ. ތަނުގެ މަރާމާތާއި އެހެނިހެން ކަންކަން ބަލަހައްޓާ ހަރަދު ކުރާނީ އެ ކުންފުނިންނެވެ. އެ ކަންކަމަށް އެހީވުމުގެ ގޮތުން ރަސްރަނި ބަގީޗާގައި ކެފޭއެއް ހިންގަން ޑައިމަންޑް ވިންގްސްއަށް ވަނީ ބިމެއް ދީފަ އެވެ.
މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ވިދާޅުވީ އެ ޕާކު ހެދި ތަނުގައި ކުރިން ހުރި ކަޅުވަކަރު މިސްކިތް ކުރިން ރާވާފައި އޮތް ގޮތަށް ގދ. ތިނަދޫގައި ރާވައި ބޭނުން ކުރާނެ ކަމަށެވެ. މިވަގުތު ކަޅުވަކަރު މިސްކިތުގެ ބައިތައް ހުރީ ޑިޕާޓްމަންޓު އޮފް ހެރިޓޭޖުގެ ބެލުމުގެ ދަށުން އެތަނުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް