މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 'ސަލަފު ފޯރަމް 1438' ގެ ނަމުގައި ކުރިއަށް ގެންދާ ފޯރަމްތަކުގެ ތެރެއިން 2 ވަނަ ފޯރަމް މިރޭ އޮންނާނެކަމަށް އެޖަމްޢިއްޔާއިން ޚަބަރުދީފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ހުށައަޅުއްވާ މިރޭގެ ފޯރަމްގައި ބައްދަލުކުރައްވާނީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި އައްޝައިޚް ޙަސަން މޫސާ ފިކްރީ އެވެ.
މިއަހަރުގެ ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގަމުން އަންނަ ތަފާތު ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރު މުޅިން އަލަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. މިރޭގެ ފޯރަމްވެސް އޮންނާނީ އަލްމަދްރަސަތުލް ޢަރަބިއްޔާގައެވެ. މިރޭ 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިފޯރަމްގެ މައުޟޫއަކީ ' ސެކިއުލަރިޒަމް ގެ ޙަޤީޤަތް' މިއެވެ. މިފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުންދަނީ މި ބަރަކާތްތެރި ރަމަޟާން މަހު ދީނީ ވަރަށްގިނަ ޙަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ފުރުޤާން މިސްކިތުގައި ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ބާއްވަމުން ގެންދާ 'ދަލާއިލް ޕްރޮގްރާމާއި، އެހެނިހެން މިސްކިތްތަކުގައި ބާއްވަމުންގެންދާ ދީނީ ނަޞޭޙަތްތަކާއި، ޓީވީ ރޭޑިއޯގެ ލައިވް އަދި ރެކޯޑިންގ ޕްރޮގްރާމްތަކާއި، ރޯދަވެރިންނަށް ރޯޯދަ ވީއްލުން ދިނުމުގެ ޕްރޮގްރާމް އާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ބާއްވަމުންގެންދާ ދީނީ ނަޞޭޙަތްތަކާއި، ވީޑިއޯ ގެ ޒަރީޢާއިން އުފައްދަމުންގެންދާ ޕްރޮގްރާމުތަކާއި އަދިވެސް ދީނީ އިޖްތިމާޢީ ގިނަ ޕްރޮގްރާމުތަކެއް ދަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް