ފޭސް ދޭއްގެ ބީޗް ހަޓްތައް ޖެހިގެން އޮތް ހުސް ސަރަހައްދަށް ބަދަލުކުރަން ފުރުސަތު ދޭން ނިންމައިފި

ހުޅުމާލޭ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ހަދާފައިވާ ވިޔަފާރި ހަޓްތައް މި މަހުގެ 30ގެ ނިޔަލަށް ނަގަން އެންގި އެންގުމަށް ބަދަލުގެނެސް އެ ހަޓްތައް ޖެހިގެން އޮތް ހުސް ބިމަށް ބަދަލުކުރުމަށް ހައުސިން ޑިވެލޮ...

16 May 2024 | 17:51

ހުޅުމާލޭ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ހަދާފައިވާ ވިޔަފާރި ހަޓްތައް މި މަހުގެ 30ގެ ނިޔަލަށް ނަގަން އެންގި އެންގުމަށް ބަދަލުގެނެސް އެ ހަޓްތައް ޖެހިގެން އޮތް ހުސް ބިމަށް ބަދަލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރުސަތު ދޭން ނިންމައިފިއެވެ.

އެގޮތުން މިރޭ އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީ ކުރުން ރޭވިފައިވާތީ، އެ ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ޖެހިގެން އޮތް ހުސް ސަރަހައްދަށް ބަދަލުކުރަން އަންގާކަމަށެވެ.

"ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 31 މެއި ގެ ނިޔަލަށް، މި ކޯޕަރޭޝަންގެ އިރުޝާދުގެ ދަށުން، ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ބަދަކުލުރަން މި އަންގަނީ، މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް" އެޗްޑީސީއިން ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ކަމަށާއި ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާކަމަށެވެ.

"އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން، އަދި މި ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ" އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް