ކަމަދޫ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައިގާ ސަމިއްޔާގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ. ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެ ރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ތ...

16 May 2024 | 15:24

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ. ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެ ރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ތަހުޤީޤުކޮށް ދަޢުވާކޮށްދިނުމަށްއެދި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފައިވަނީ މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ ބ. ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢާއިޝަތު ސަމިއްޔާ (މިނާ، ބ. ކަމަދޫ) ގެ މައްޗަށް ކަމަށާއި އެ ފަރާތުގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2000/20 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކަމަށެވެ.

2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ޢާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ. ކަމަދޫ ބްރާންޗުގެ ކަރަންޓު ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެ ފައިސާ ބޭނުންކޮށްފައިވާކަމަށް އޭސީސީއިން ބުނެފައިވެއެވެ.

އޭސީސީއިން އިތުރަށް ބުނެފައިވަނީ އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ ނިންމާފައި ކަމަށާއި އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް އެކޯޕަރޭޝަނަށް އެންގުމަށްވެސް ވަނީ ނިންމާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް