ޤައުމިއްޔަތު ކޮލެޖު ދޮޅުމަސްތެރޭގައި ފެށިގެންދާނެ: ވަޒީރު

ކުރިއަށް އޮތް ދޮޅު މަސް ދުވަސް ތެރޭގައި ގައުމިއްޔަތު ކޮލެޖުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި، ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅު...

16 May 2024 | 08:06

ކުރިއަށް އޮތް ދޮޅު މަސް ދުވަސް ތެރޭގައި ގައުމިއްޔަތު ކޮލެޖުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި، ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދޮޅު މަސް ދުވަސް ތެރޭގައި މަސައްކަތް ފެށި، ފަސް މަސް ތެރޭގައި ކޮލެޖުގެ މަސައްކަތް ނިންމާ ކިޔެވުން ފެށޭނެ ކަމަށެވެ .

ދިވެހި ޤައުމިއްޔަތުގެ ކޮލެޖު ގާއިމްކުރުމަށް ނިންމަވާފައިވަނީ ސީއެޗްއެސްސީގެ ކުރީގެ އިމާރާތުގައެވެ. އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ބަޖެޓު ހަމަ ޖެހުމާއި އެކު ފެށިގެން ދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދޮޅު މަސް ދުވަހެއްގެ ތެރޭގައި ބަޖެޓް ހަމަ ޖެހި މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނީ، ދިވެހި އަސްކަރިއްޔާގެ ސިވެކް ޓީމުންނެވެ.

ދިވެހި ގައުމިއްޔަތު އަލުން އިއާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ގިނަ މަޝްރޫއުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ދިވެހިބަހާ ބެހޭ ވުޒާރާއާއި ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެތެރޭގައި، ގައުމިއްޔަތު ކޮލެޖާއި، ދިރާސާކުރާ މަރުކަޒެއް އުފެއްދެއްވުމާއި، ގައުމީ ޗާޕު ހާނާ އަލުން އިއާދަ ކުރެއްވުމާއި، ދިވެހި ބަސް ކުރިއެރުވުމަށް ދިވެހި ބަހަށް ހޭލުންތެރިކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް