އެފްރިކާގެ އެރިތުރިއާ ގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ދެ ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ބޯޓުތަކަކީ އެ ކުންފުނިން އަލަށް ބަނދެގެން ރާއްޖެ ގެންނަ ބޯޓުތަކެކެވެ. ދެ ބޯޓު ބަނދެފައިވަނީ މިސްރުގައި އެވެ.
އެ ބޯޓުތައް އެރިތުރިއާއަށް އެތެރެވީ މޫސުން ގޯސްވެ، ދަތުރު ނުކުރެވިގެންނެވެ. އެ ގައުމުގެ ސިފައިން ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދައި ކަނޑުގެ ސަރަހައްދަށް ވަތް ކަމަށް ބުނެ އެވެ.
މިކަމާއި ގުޅިގެން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ބޯޓު އެގައުމަށް ވަނުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކާއި ގުޅަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށެވެ.
މިހާރު މަސައްކަތް ކުރަމުންދަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް މަސައްކަތް ކޮށްގެން އެ ގައުމުން ބޯޓު ނެރެވޭތޯ ކަމަށް ގަސަމް ވިދާޅުވި އެވެ. އެ ގައުމަކީ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ގައުމަކަށް ނުވާތީ އެ މަސައްކަތް ކުރަނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެރިތުރިއާގެ ހައި ކޮމިޝަނާއި ގުޅިގެންނެވެ.
ގަސަމް ވިދާޅުވީ ދެ ބޯޓުގައ ދިވެހި އަދި މިސްރަށް ނިސްބަތްވާ ފަޅުވެރިން އެބަތިބި ކަމަށެވެ. އެންމެންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އެއީ 2019 ވަނަ އަހަރު އެފްއެސްއެމުން ބަންނަން ހަވާލުވި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. މީގެ ކުރިން ވެސް ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް