އެމްޓީސީސީގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ 120 ދިވެހި މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން ސައިޓްގައި ލޭބަރުންގެ ގޮތުގައި އެއްއަހަރުގެ ކޮންޓްރެކްޓްގެ މުއްދަތަކަށް މަސައްކަތް ކޮށްދޭނެ 120 ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޤާމަށް ހޮވޭ ފަރާތްތަކަށް ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމުގެ އިތުރުން ސްޓާފް މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައި ވަނީ އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އެލެވަންސްގެ އިތުރުން 13،700 -10،300 ރުފިޔާއާއި ދެމެދުގެ މުސާރައެކެވެ. އަދި މި މަޤާމަށް ހޮވޭ ފަރާތްތަކުގެ ރަސްމީ މަސައްކަތުގެ ގަޑި އަކީ ހަފްތާއަކު 6 ދުވަހު ދުވާލަކު 12-8 ގަޑި އިރާއިި ދެމެދެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުތި ކަމުގައި ބުނެފައި ވަނީ އަސާސީ ތައުލީމް ހާސިލްކޮށްފައިވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތަކަަށް ވުމާއެކު އެ ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވޭނެ ފަރަތެއް ކަމުގައިވުމާއެކު ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުމެވެ.
މި ވަޒީފާގެ އަމަލީ މަސައްކަތް ކަމުގައި ބުނެފައި ވަނީ ކުންފުނިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި އަމަލީގޮތުން މަސައްކަތްކޮށް ހަވަލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން ކަމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާކަމަށެވެ.
އެހެންކަމުން އެމްޓީސީސީން ވަނީ މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ސީވީއައި އައިޑީ ކާޑް ކޮޕީއަކާއިއެކު އެމްޓީސީސީގެ ހުޅުމާލެ ޓާރމިނަލް ގައި 17 މެއި 2022 ވަނަދުވަހު 16:00 އިން 20:00 އަށް #ޖޮނިންޓީމްއެމްޓީސީސީ ނަމުގައި ކުރިޔަށް ގެންދާ އޯޕެން-ޑޭ ގައި ބައިވެރިވުމަށް އެދިފައެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ކަމަށެވެ.
އެމްޓީސީސީން ބުނީ މި ފުރުސަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކުންފުނީގެ ހޮޓްލައިން 1650 ގުޅުމުން މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް