މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާތަކަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަާފައި ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު މީޑިއާގައި ވިދާޅުވީ އެ އިންތިހާބާއި ގުޅިގެން ހުށަހެޅި ހުރިހާ ޝަކުވާތަކެއް ބަލައި ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ޗެއާޕާސަން ކަމަށް ވާދަ ކުރެއްވި ދެ ކެންޑިޑޭޓުންގެ ފަރާތުން ޝަކުވާ ހުށަހެޅި ކަމަށެވެ.
އެކަމަކު ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެ އިންތިހާބުގައި ބޮޑެތި ޝަކުވާތަކެއް ހުށަހެޅީ ޗެއާޕާސަންގެ އިންތިހާބުން ބަލިވި މާފަންނަނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ޓީމުގެ ފަރާތުންނެވެ. އެ ޓީމުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ވޯޓުލަ ވަގުތު އިތުރު ކުރި މައްސަލަ އާއި ގަލޮޅު ސްކޫލުގެ ފޮއްޓަށް ގަނޑުކޮށް ވޯޓުކަރުދާސް އަޅާފައިވާ މައްސަލަތަކަކާއި ބައެއް ދާއިރާތަކަށް ގެންދިޔަ ފޮށީގެ ލިސްޓު ބަދަލުވުން ފަދަ މައްސަލަތައް ހިމެނެ އެވެ.
އެމްޑީޕީގެ އިންތިހާބުން އިންތި ބަލިކޮށް ޗެއާޕާސަންގެ މަގާމު ހޯދީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. އޭނާ ވަނީ ވޯޓުލީ މީހުންގެ58 ޕަސެންޓު ހޯއްދަވާފަ އެވެ.
މި އިންތިހިާބުގައި48،000 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް