ރައީސް ސޯލިހު، ޔޫއޭއީގެ އާ ރައީސް ޝެއިހް މުހައްމަދާއި ބައްދަލު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އާ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ ޔޫއޭއީގ...

16 May 2022 | 05:27

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އާ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އެވެ. ރައީސް، ޝެއިހް މުހައްމަދާއި ބައްދަލު ކުރައްވާފައިި ވަނީ އެމަނިކުފާނުގެ ބޭބޭފުޅު އަދި ޔޫއޭއީގެ ކުރީގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިއާ ދެއްނެވުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ މަރުހޫމް ޝެއިހް ހަލީފާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި އެ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި މަރްޙޫމްގެ ޢާއިލާއާއި ޔޫ.އޭ.އީ.ގެ ރައްޔިތުންނަށް އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަރްޙޫމް ޚަލީފާގެ ހަނދާންތައް އައުކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ޤައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށާއި ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ، އަބޫދާބީގެ ވެރިޔާ އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން، ޔޫ.އޭ.އީ.ގެ ރައީސްގެ މަޤާމާއި ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް