އިއްޔެއަކީ ވަކި ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ބިމަށް އިޒްރޭލުން ވެރިވެގަތްތާ 74 އަހަރު ފުރުނު ދުވަހެވެ. ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 15 ވަނަ ދުވަސް ފަލަސްތީނުގައި ފާހަގަކުރަނީ "ނަކްބާ" (ބޮޑު މުސީބާތުގެ) ދުވަހުގެ ގޮތުގައެވެ.
އެގޮތުން ކޮންމެ އަހަރެއްގައިވެސް މި ދުވަސް ފާހަގަކުރުމަށް ފަލަސްތީނުގެ މުސްލިމުން މަގުތަަކަށް އެއްވެ ޝުއޫރު ފާޅުކުރަމުން ގެންދެއެވެ. ބޮޑު ހިނގާލުމެއް ބާއްވައެވެ. މުޒާހަރާ ކުރެއެވެ. އެގޮތުން އިއްޔެ ފަލަސްތީނުގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ މަގުތައް ފުރާލާފައެވެ.
މެއި 14 1948ގައި ބްރިޓިޝް ބާރު ދޫކޮށްލައި ޒަޔަނިސްޓުން އިޒްރޭލުގެ ނަމުގައި ވަކި ދައުލަތެއް އިއުލާނުކުރިއެވެ. އަދި ޖެހިގެން އައި ދުވަހު ހަތް ލައްކަ ފަންސާސް ހާހަށްވުރެ ގިނަ މުސްލިމުން އެ މުސްލިމުންގެ ގެތަކުން ބޭރުކޮށް ގަދީމީ ފަލަސްތީނުގެ 78 އިންސައްތައަކީ އިޒްރޭލު ބިންކަމުގައި ކަނޑައެޅިއެވެ. ބާކީ 22 އިންސައްތަ މިހާރު އެއޮތީ ފަލަސްތީނުގެ ގާޒާ އާއި ހުޅަނގުބިތަށް ވާގޮތަށެވެ. އެ ޖަރީމާ ހިންގުމުގައި 15 ހާހަށްވުރެ ގިނަ މުސްލިމުން ގަތުލުކޮށްފައިވެއެވެ.
އެ އަހަަރުގެ ވެރިވެގަތުމަށްފަހުގައިވެސް އިޒްރޭލުގެ ޔަހޫދީން އަންނަނީ ހުއްޓުމެއްނެތި ފަލަސްތީނުގެ ބިންތައް ފޭރެމުންނެވެ. ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ.
ބޮޑު މުސީބާތުގެ ދުވަހަށް 74 އަހަރު ފުރުން އިއްޔެ ފާހަގަކޮށްފައިވާއިރު ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު މިހާރުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް