ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ގޯސްވިޔަސް މިފަހަރު ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަން ތިބި ކުދިން ނުގެންނާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއިއޯސީ) އިން ބުނެފި އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް ފެންނަން ފެށި ދުވަސް ވަރު ބޭރުގައި ސަރުކާރު ހަރަދުގައި މެޑިސިން ކިޔަވަން ތިބި ކުދިންނާއި އަމިއްލައަށް ގޮސް ތިބި ގިނަ އަދަދެއްގެ ކުދިން ސަރުކާރު ހަރަދުގައި ރާއްޖެ ގެނެސް ވޮލެންޓިއަރުންގެ ގޮތުން މަސައްކަތް ކުރުވާފައިވެ އެވެ. އަނެއްކާވެސް ރާއްޖޭގެ ކޯވިދްގެ ހާލަތު ގޯސްވާތީ ގިނަ ބަޔަކު ދަނީ އެ ދަރިވަރުން އަލުން ގެނައުމަށް ގޮވާލަމުންނެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ މިފަހަރު ހާލަތު ކިތަންމެ ގޯސްވިޔަސް ބޭރުގައި ތިބި ދަރިވަރުން ގެނައުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށެވެ. މަބްރޫކް ވިދާޅުވީ އެފަހަރު އެ ދަރިވަރުން ރާއްޖެ ގެނެސް ވޮލެންޓިއަރުންގެ ގޮތުގައި ނެރުނީ އެ ގައުމުތައް ކޯވިޑާއި ގުޅިގެން ބަންދުކޮށް ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުން ހުއްޓާލާފައި އޮތުމުން ކަމަށެވެ.
އެކަމަކު މިއަދު އެހާލަތު ތަފާޓު ކަމަށާއި ކޯވިޑް ފެތުރެމުން ދިޔަ ނަމަވެސް އޮންލައިންކޮށާއި ކުދިން ކޮލެޖަށް ހާޒިރުކޮށްގެން ގައުމުތަކުގައި ދަނީ ކިޔަވައިދެމުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިފަހަރު ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގައި ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ހިދުމަތްތެރިން ކޮންޓްރެކްޓަށް ނަގައިގެން މަސައްކަތް ކުރުވުމަށް ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް