މާލެއިން ޓެސްޓު ކުރާ ކޮންމެ ތިން މީހަކު އެކަކު ކޯވިޑަށް ޕޮސިޓިވްވޭ

މާލެ ސަރަހައްދުން ކޯވިޑް-19 އަށް ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން އެކަކު ކޯވިޑް-19 އަށް ޕޮސިޓިވްވަމުންދާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އ...

16 May 2021 | 17:54

މާލެ ސަރަހައްދުން ކޯވިޑް-19 އަށް ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން އެކަކު ކޯވިޑް-19 އަށް ޕޮސިޓިވްވަމުންދާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގު)ގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއިރު، ވޭތުވެ ދިޔަ ތިން ހަފުތާގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އެތައް ގުނައަކަށް އިިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ބަލިފެތުރެމުންދާ ވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ހަފުތާއެއްގެ ތެރޭގައި އާއްމުކޮށް ޕޮޒިޓިވްވަނީ 900 އެއްހާ މީހުން ކަމަށާއި އެކަމަކު މިހާރު އެ އަދަދު 5،000 އަށް މަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ހަފުތާއެއްގެ ތެރޭގައި މާލޭގައި ކޯވިޑަށް ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން އެކަކަށް ބަލި ޖެހިފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯވިޑްގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ޓެސްޓު ހަދަން ދާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ އަދަދު ވަނީ ފަސް ގުނައަށް އިތުރުވެފަ އެވެ. ބެކްލޮގާ ނުލައި މާލޭ ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 700 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވާކަން ޑރ. ޝަހީދު ފާހަގަ ކުރެއްވި އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް މީގެ ކުރިން ދުވަހަކު މައްޗަށް ނުދާ ވަރަށް މިހާރު ވަނީ މަތިވެފަ އެވެ.

ޑރ. ޝަހީދު ވިދާޅުވި ގޮތުގައި މީގެ ތިން ހަފުތާ ކުރިން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނީ 100 އެއްހާ މީހުންނަށް ނަމަވެސް، މިއަދާ ހަމައަށް އެ އަދަދު 262 އަށް ވަނީ އިތުރުވެފަ އެވެ. އޭގެތެރެއިން 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު 10 މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އެވެ.

ޑރ. ޝަހީދުގެ ވާހަކައިގަ ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، އަދިވެސް ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް