މާލެ ސަރަހައްދު ބާރުބޮޑުވެ އައިޖީއެމްއެޗުގެ ބައެއް ވޯޑުތައްވެސް ކޯވިޑަށް ހާއްސަ ކުރަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ވޯޑުތައްވެސް ކޯވިޑް-19 އަށް ފަރުވާދޭ ތަންތަނަށް ބަދަލު ކުރަން ނިންމައިފި އެވެ. އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑް...

16 May 2021 | 17:49

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ވޯޑުތައްވެސް ކޯވިޑް-19 އަށް ފަރުވާދޭ ތަންތަނަށް ބަދަލު ކުރަން ނިންމައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގު)ގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ކޯވިޑްގެ ހަތަރު ވަނަ ރާޅާއެކު، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި މީހުންނަށް ފަރުވާ ދޭ މާލެ ސަރަހައްދުގެ ހުރިހާ ފެސިލިޓީތައް މިހާރު ވަނީ ފުރިފަައި ކަމަށެވެ. އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ބައެއް ތަންތަނުގައި ފަރުވާ ދެނީ އިތުރަށް އެނދު ޖަހައިގެންނެވެ.

ޑރ. ޝަހީދު ވިދާޅުވީ މާލެ ސަރަހައްދުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުވާތީ އައިޖީއެމްއެޗުގެ ބައެއް ވޯޑުތައް ކޯވިޑަށް ފަރުވާ ދޭން ތަންތަނުގެ ގޮތުގައި ހަދަން ޖެހެނީ ޖާގަ ނެތުމުން ކަމަށެވެ. އެކަމަކު އެ އެވޯޑުތައް ބޭނުން ކުރަން ފަށާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ޝަހީދު ވިދާޅުވީ މިދިޔަ ހަފްތާގައި އޮޕަރޭޝަންސްތައް ހުއްޓާލައި ކޯވިޑް ފެސިލިޓީއަކަށް ބަދަލު ކުރި ހުޅުމާލޭ ހޮސްޕިޓަލްގެ ދެބައިކުޅަ އެއްބައި އެނދު މިހާރު ކޯވިޑް ޖެހިފައިވާ މީހުން އެޑްމިޓްކޮށް ފުރިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ކޯވިޑް ޖެހޭ މީހުން އެޑްމިޓް ކުރަން ބޭނުން ކުރާ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އެއްކޮށް ފުރިގެން އެ ތަނުގައި އިތުރު އެނދު ޖަހައިގެން ޖާގަ ހަދަމުންދާ ކަމަށެވެ.

އަދި ހުޅުމާލޭ ހިޔާގައި މިހާރު ތައްޔާރަށް ހުރި އެނދުތައް ފުރިފައިވާތީ އިތުރު އެނދު ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ކޯވިޑަށް ޕޮސިޓިވް މީހުންނަށް ފަރުވާ ދޭން މާލެ ސަރަހައްދުގައި ހަދާފަިއވާ ތަންތަން ކަމަށްވާ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫވެސް ހުރީ ގާތްގަނޑަކަށް ފުރިފަ އެވެ.

ޑރ. ޝަހީދު ވިދާޅުވީ މިހުރިހާ ތަނެއް ފުރިފަ ހުރި އިރު ކޯވިދް ޖެހިގެން ހޯމް ކަރަންޓީންގައިވެސް މާލެ ސަރަހައްދުގައި 5،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް