ޣައްޒާއަށް ފާއިތުވެ ދިޔަ ހަތް ދުވަހުގެ ތެރޭގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާ ފާހަަގަ ކުރައްވަމުން، އިސްރާއީލުން ޣައްޒާގައި ކުރާ މަސައްކަތް މެކުހަށް ޖަހާފައިވާ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖެމިން ނަތަންޔާހޫ ބުނެފިއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުން އިސްރާއީލުގެ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލަމުން ދާއިރު އިސްރާއީލުންވަނީ މުޅި ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމަށް ބުނެ، ހަމަލާ ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ.
މިއަދު ދިން އެންމެ ނުރައްކާތެރި ޙަމާލައިގައި ޕަލަސްތީނުގެ 42 މީހަކު ޝަހީދުކޮށްލައި ތިން އިމާރާތް މިބާއި ހަމަކޮށްލާފައިވެ އެވެ. މި ހަމަލާއާއި ގުޅިގެން ނަތަންޔާހޫ ވިދާޅުވެފައިވަނީ ޣައްޒާގެ ހަނގުރާމަ ވެރިންނާއި ދެމެދު ސުލްހަވެވެން ނެތް ކަމަށާއި، އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް މެދު ކަނޑާ ނުލާނެ ކަމަށެވެ.
އިސްރާއީލުން ފަލަސްޠީނަށް ހަމަލާ ދެމުން ގެންދާތާ މިއަދަށް ހަފްތާއެއް ވެފައި ވާއިރު، މިއަދުގެ ހަމަލާތަކަކީ މިހާތަނަށް އެއް ދުވަސް ތެރޭގައި ފަލަސްޠީނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާތަކެވެ.
މި ހަމަލާ އަމާޒު ކޮށްފައިވަނީ ޣައްޒާގައި މިހާރު ހުންނެވި ހަމާސް ޖަމާޢަތުގެ އިސްވެރިޔާ، ޔަޙްޔާ އަލް ސިންވާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. މިހަމަލާގައި ޔަޙްްޔާގެ ގެ ވެސް ވަނީ ބިމާއި ހަމަ ކޮށްލާފައެވެ. އިސްރާއީލުގެ ތެލްއެވީވްގެ ރައްޔިތުންވަނީ ބޮން އަޅާ ކަމުގެ އިންޒާރު ލިބުމާއެކު، އެމީހުންގެ ސަލާމަތް ހޯދާފައެވެ.
އިސްރާއީލްގެ ހަމަލާތަކުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގެ 188 މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި 55 ކުޑަކުދިންނާއި 33 އަންހެނުން ހިމެނެއެވެ. އަދި ހާހަކަށް ވުރެ ގިނަ މީހުން ޒަޚަމްވެ ހޮސްޕިޓަލުތައް އަންނަނީ ފުރެމުންނެވެ. އިސްރާއީލާއި ފަލަސްޠީނުގެ ކުރިމަތިލުން ތަކުގައި މިހާތަނަށް އިސްރާއީލުން މަރުވެފައިވަނީ އެންމެ 10 މީހުންނެވެ. މީގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް