އަމިއްލަ ގައުމުގެ ރައްޔިތުން ކިތަންމެ ވަރަށް ނުރުހުނަސް އަވައްޓެރި ގައުމުތަކަށް ކޯވިޑް-19 ވެކްސިން ފޮނުވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
ކޯވިޑްގައި އެންމެ ނުރައްކާތެރި ހާލަތުގައި އޮތް އިންޑިއާގެ ބައެއް ސަރަހައްދުގައި ކޯވިޑްގެ ނުރައްކަލާއި ހެދި ވެކްސިން ޕްރޮގްރާމް މެދުކެނޑިފައިވާއިރު މުޅި ގައުމު ދަނީ އޮކްސިޖަން އާއި ސިއްހީ ފަރުވާއަށް ޖެހެމުންނެވެ. އެހެންވެ ދުނިޔޭގައި އެންމެ ގިނައިން ކޯވިޑް-19 ވެކްސިނާއި އެނޫންވެސް ވެކްސިންތައް އުފައްދާ އިންޑިއާއިން ވެކްސިން އެކްސްޕޯޓު ނުވަތަ ބޭރު ކުރުމާއި އެ ގައުމުގެ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.
މި މައްސަލައިގަ އިންޑިއާ ސަރުކާރުން ބުނީ އަވައްޓެރި ގައުމުތަކުގެ ތެރެއިން އިންޑިއާއިން އެންމެ ކައިރިން ބަލަމުން ދަނީ ރާއްޖެ އާއި ނޭޕާލްގެ ކޯވިޑްގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ކަމަށެވެ. އަދި އެންމެ ބޭނުން ޖެހިފައިވާ ގައުމުތަކަށް ކޯވިޑް ވެކްސިން ފޮނުވުމަށް ނިންމާފައިވާ ނިންމުން ބަދަލު ނުވާނެ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ނިންމުން ދިފާއުކޮށް ބުނެފައިވަނީ، މި ސަރަޙައްދުގެ އެންމެ ބޮޑު ބާރުގެ ގޮތުގައި އޮތީ އިންޑިއާ ކަމަށް ވުމުން، އަވަށްޓެރި ޤައުމުތަކަށް މި ދަނޑިވަޅުގައި އެހީތެރިކަން ފޯރު ކޮށް ދިނުމަކީ އިންޑިއާގެ މައްޗަށް ވާޖިބެއް ކަމަށެވެ. އިންޑިއާގެ މި ނިންމުމާއި އެކު ކުރިޔަށް އޮތް މަސްތަކުގައި އަވައްޓެރި ގައުމުތަކަށް ހާއްސަކޮށް ނޭޕާލާއި ރާއްޖެއިން ކޯވިޑް ވެކްސިންގެ އިތުރު ޝިޕްމެންޓުތައް އިންޑިއާއިން ފޮނުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ރާއްޖެއާއި ނޭޕާލުގެ ކޯވިޑްގެ ހާލަތުވެސް ވަނީ އާ ރާޅަކާއި އެކު ވަރަށް ބޮޑަށް ގޯސްވެފައި އެވެ. ދެ ގައުމުގެ ހާލަތު މިހާބޮޑަށް ގޯސްވެފައިވަނީ އިންޑިއާއިން ފެނިފައިވާ އާ ވޭރިއެންޓު އެ ގައުމުތަކުގައި ފެތުރެމުން ދިއުން ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ޚާއްސަކޮށް ރާއްޖޭގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ރާއްޖޭގައި ކޯވިޑަށް ޕޮސިޓިވްވާ މިންވަރު މިހާރު މިވަނީ 60 ޕަސެންޓު އިތުރުވެފަ އެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ވެރި ރަށް މާލެއާއި އަތޮޅު ތެރޭގައި ކޯވިޑް ފެތުރެމުންދާ ގިނަ ރަށްތަކެއްގައި ދަނީ ކާފިއު ހިންގަމުންނެވެ.
ނޭޕާލުގައިވެސް ކޯވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދުވަނީ ލައްކައަކަށް ވުރެ މައްޗަށް އަރާފައެވެ. ކޯވިޑުގެ ހާލަތު ދަށްވަމުން އައުމާއި ގުޅިގެން ނޭޕާލަށް މިހާރުވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.
ނޭޕާލުގެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން މަދުވެފައި ވާއިރު، ޓެސްޓު ކުރާނެ އާލާތްތައް އަންނަނީ ހުސްވަމުންނެވެ. ނޭޕާލުގެ އެންމެ ބޮޑު ހޮސްޕިޓަލުން މިހާރު އާ ކޯވިޑު ޕޭޝަންޓުންެ އެޑްމިޓް ކުރުމުގެ ހުއްދައެއްވެސް ނުދެއެވެ.
ކޮރޯނާ ވައިރަސްގެ މިރާޅާއި އެކު، ނޭޕާލްގެ 77 ޑިސްޓްރިކްޓުގެ ތެރެއިން 55 ޑިސްޓްރިކްޓަށް ކޯވިޑު ވަނީ ފެތުރިފައެވެ. ނޭޕާލުގެ އޮފިޝަލުން ހާމަ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގެ ޙާލަތު އިތުރަށް ގޯސް ވަމުން ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މި ކަމުގެ ސަބަބުން އިންޑިއާ އަދި ނޭޕާލް ގުޅޭ ބޯޑަރުގެ ސަރަޙައްދުތަކުގައި ހުންނަ ޑިސްޓްރިކްތަކަށް ނުރައްކާ ބޮޑު ވެގެން ދާނެއެވެ.އެއީ އެ ޑިސްޓްރިކްޓްތަކުގައި ހުންނަ ސިއްޙީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ކޮވިޑު ބަލި މީހުން ބޯޑަރު ހުރަސްކޮށް ގޮސް ދާނެތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް