އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ރާއްޖެއިން އޯއައިސީގައި ވާހަކަ ދައްކައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަ...

16 May 2021 | 15:05

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރެއްވިއެވެ. އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްޞާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ވިދާޅުވިއެވެ.

އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަނެގެންކަމަށެވެ.

އޯ.އައި.ސީގެ ބައްދަލުވުން ނިންމާލާފައިވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެޑޮޕްޓްކުރުމަށްފަހުއެވެ.

57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް، "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް