ސޯދުބެއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެއް ނޫން، ހާލުކޮޅުވެސް ރަނގަޅު: އާއިލާ

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް-19 އަށް ފައްސިވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ. އެނގިފައި...

16 May 2021 | 13:15

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް-19 އަށް ފައްސިވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ޞާދުބެ ވަނީ ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފައެވެ.

ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އަދި ދިވެހި ބަހަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޞާދުބެގެ އުމުރފުޅުންް މިހާރު85 އަހަރުފުޅު ވެއްޖެއެވެ.

ޞާދުބެއަކީ ދިވެހިބަހުގެ އުސްތާޛުންގެ ތެރެއިން މިފަހަކަށް އައިސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސްކޫލް ދައުރުގައިވެސް ދިވެހިބަހުގެ ތަފާތު ކަންތައްތަކުގައި ފާހަގަކުރެވެމުން ދިޔަފަދައިން ޢަމަލީ މައިދާނަށް ނުކުމެ ވަޑައިގަތުމާއެކުވެސް ޞާދުބެ އެރޮނގުގައި ވަޑައިގަތީ، ކުރި ހޯއްދަވަމުންނެވެ.

ޞާދުބެ ދިވެހިބަހުގެ ގަވާއިދާބެހޭ ގޮތުން ލިޔުއްވުންތައް ލިޔުއްވައި، ވާހަކައާއި މަޒުމޫނުފަދަ ތަކެތިވެސް ލިޔުއްވަމުން ގެންދަވާފައިވެއެވެ. މީގެތެރޭގައި ހަރުބަސް ފޮތްތަކާއި މަޒުމޫނު ފޮތެއް އަދި ޅެން ޝަރަޙަ ކުރާނެގޮތް ދައްކައިދޭ ފޮތެއްވެސް ހިމެނެއެވެ.

ދިވެހިބަހުގެ އެންމެ މުހިއްމު އެއްބައިކަމުގައިވާ ޅެންވެރިކަމުގެ ފަންނުގައިވެސް ޞާދުބެއަކީ އަރާހުންނެވި ބޭފުޅެކެވެ. ތަފާތު މައުޟޫޢުތަކަށް ފަސޭހަފުޅުކަމާއެކު ޅެންހައްދަވައެވެ. ތަފާތު އެކިއެކި މުނާސަބާތަކަށް ލަވަ ހައްދަވައެވެ.

1980 ވަނައަހަރު، ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ އިނާމު ޞާދުބެ ވަނީ ހާޞިލުކޮށްފައެވެ.


އެޑިޓަރުގެ ނޯޓް: އެންމެ ފުރަތަމަ މި ޚަބަރު މި ނޫހުގައި ޝާއިޢު ކުރެވުނު އިރު، ޝާއިޢު ކުރެވިފައިވާނީ ސޯދުބެއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެއީ މައުލޫމާތު ލިބުމުގައި އަޅުގަނޑުމެންނަށް އެރި އޮޅުމެކެވެ. އެ އޮޅުން އާއިލާގެ ފަރާތުން ވަނީ ފިލުވާދީފައެވެ. ކުރިން އެގޮތަށް ލިޔެވުނީތީ، ދުވަސް ޓީމް ގެ ނަމުގައި އާއިލާ، އަދި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. އަދި ސޯދުބެއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް