މި ހަފްތާގައިި އޮފިޝަލުންނަށް އެލަވަންސް ދީ ނިމޭނެ: ޝަރީފު

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އޮފިޝަލުންނަށް ދޭންޖެހޭ އެލެވެންސް މި ހަފްތާ ތެރޭގައި ދީ ނިމޭނެ ކަމަށް އިލެކ...

16 May 2021 | 10:02

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އޮފިޝަލުންނަށް ދޭންޖެހޭ އެލެވެންސް މި ހަފްތާ ތެރޭގައި ދީ ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބު ބޭއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެކަމަކު އަދިވެސް އޮފިޝަލުންނަށް ދޭންޖެހޭ އެލެވަންސް ދީ ނުނިމޭ ކަމުގެ ޝަކުވާ މިހާރު ވަނީ އިތުރުވެފަ އެވެ.

ޓުވިޓާގައި މީހަކު ބުނެފައިވަނީ އެދުވަހު ހޮވި ކައުންސިލުން ހުވާ ކުރާ ދުވަސް ޖެހުނު އިރު އޮފިޝަލުންނާއި އުޖޫރަ ދޭގޮތަށް އިލެކްޝަންސްއިން އިންތިހާބާއި ގުޅިގެން މަސައްކަތް ކުރުވި މީހުންނަށް އުޖޫރަ ނުލިބޭ ކަމަށެވެ. އަދި މިހާރު އިންތިހާބު ބޭއްވި ފަހުން ދެ މަސް ވަނީ ކަމަށާއި އެ އުޖޫރަ ދީ ނިންމަންވީ ނޫންތޯ ބުނެފައިވެ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިދިޔަ ބުދަ ދުވަހާއި ހިސާބަށް 2،300 އޮފިޝަލުންނަށް އެލަވަންސް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ބާކީ ތިބި އޮފިޝަލުންގެ އެލަވަންސް ޖަމާކުރަން ފޮނުވާނެ ކަމަށެވެ.

https://twitter.com/ShareefRangondi/status/1393709690635186179

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިދިޔަ ކައުންސިލް އިންތިހާބުގައި 10،000 އޮފިޝަލުން ހަރަކާތްތެރިވި ކަމަށެވެ. އެހާ ގިނަ އޮފިޝަލުން ބޭނުންވީ ކޯވިޑް-19 އާއި ގުޅިގެން އެކުލަވަލާފައިވާ ގައިޑްލައިނާއ އެއްގޮތަށް އިންތިހާބު ބާއްވަން ޖެހުމުންނެވެ.

މިދިޔަ ބުދަ ދުވަހާއި ހިސާބަށް އެލަވަންސް ދެވުނީ 2،300 އޮފިޝަލުންނަށް ކަމަށްވާ ނަމަ އަދި ގިނައީ އެދުވަހު ކުރި މަސައްކަތުގެ އުޖޫރަ ނުލިބޭ އޮފިޝަލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް