"މިއީ ނަސްލީ ޤަތުލު އާންމެއް" ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލާ ގިނަ ގައުމުތަކުން މުޒާހަރާއަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް ހާސް މީހުން ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާތަކެއް ބާއްވަމުން އެބަދެއެވެ.މުޒާހަރާގެ ބައިވެރިން އަންނަނީ ފަލަސްޠީނުގައި ހިންގަމުންދަނީ ނަސްލީ ޤަތުލު އާންމެއް ކަމަށ...

16 May 2021 | 08:43

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް ހާސް މީހުން ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާތަކެއް ބާއްވަމުން އެބަދެއެވެ.މުޒާހަރާގެ ބައިވެރިން އަންނަނީ ފަލަސްޠީނުގައި ހިންގަމުންދަނީ ނަސްލީ ޤަތުލު އާންމެއް ކަމަށް ބުނެ ފަލަސްޠީނު މިނިވަން ކުރަން ގޮވާލަ އަޑު އުފުލަމުންެނެވެ.

އިސްރާއީލުން މި ހަފްތާ ތެރޭ ފަލަސްޠީނަށް ދިން ހަމަލާތަކުގައި 140 އަށް ވުރެ ގިނަ ރައްޔިތުންވަނީ މަރުވެފައެވެ. މީގެ ތެރޭގައި 39 ކުޑަކުދިން ހިމެނެއެވެ.އިއްޔެ ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާއެއްގައި އެކަނިވެސް ފަލަސްޠީނުގެ 10 ރައްޔިތަކުވަނީ މަރުވެފައެވެ.

މި ހަމަލާތަކާއި ދެކޮޅަށް ދޯހާ، ލަންޑަން، ޕެރިސް އަދި މެޑްރިޑްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައްހާސް ބަޔަކުދަނީ މުޒާހަރާ ކުރަމުންނެވެ.

އިރާޤުގައި އެތައް ސަތޭކަ ބަޔަކު ދަނީ ތަފާތު ސަރަހައްދު ތަކުގައި ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާ ކުރަމުންނެވެ.އެގޮތުން، އިރާޤުގެ ފަސް ޕްރޮވިންސެއްގައި މުޒަހާރައިގެ ބައިވެރިންވަނީ ފަލަސްޠީނުގެ ދިދައާއިއެކު ހިނގާލުންތައް ކުރިއަށް ގެންގޮސްފައެވެ. ބާބިލްއާއި ޛީޤަރްގެ އިތުރުން ދިވާނިޔާއާއި ބަޞަރާގައިވެސް މި ހިނގާލުންތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައިވެސް އެތައް ހާސް ބަޔަކުވަނީ ފަލަސްޠީނުގެ ދިދައާއިއެކު، އެ ޤައުމާއެކު ސާބިތުވެ ތިބި ކަން ދައްކާފައެވެ.ދޯހާގައި ކުރިއަށް ދިޔަ މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، ފަލަސްޠީނުގައި ކުރިއަށްދަނީ ނަސްލު ނައްތާލުމުގެ ބޭނުމުގައި ޤަތުލު އާންމެއް ކަމަށެވެ. އަދި މިކަން ކުށްވެރި ކުރާ ކަމަށާއި، ފަލަސްޠީނުގެ ފަސްގަނޑުގައި މިވަގުތު ނުތިބެވުނު ކަމުގައިވީނަމަވެސް މިކަމާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާނެ ކަމަށެވެ.

ފަރަންސޭސި ވިލާތުގެ ސަރުކާރުން މަނާ ކޮށްފައިވީ ނަމަވެސް،ފަރަންސޭސިވިލާތުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައިވެސް އެތައް ހާސް ބަޔަކުވަނީ ބައިވެރިވެފައެވެ.އެގޮތުން ޕެރިހުގެ ދެކުނުން މުޒާހަރައިގެ ބައިވެރިން ޖަމާވާން ފެށުމުން، 4200 ފުލުހުން އެ ސަރަހައްދުން އެމީހުންނާއި ކުރިމަތިލާފައި ވެއެވެ. ކަރުނަ ގޭހާއި ފެން ކެނޮންވެސް މުޒާހަރާ ރޫޅާލުމަށް ފުލުހުންވަނީ ބޭނުން ކޮށްފައެވެ. ނަމަވެސް،މި މުޒާހަރައިގައި އެންޓި ސެމިޓިކް ނުވަތަ ޔަހޫދީ ނަސްލާއި ދެކޮޅަށް އަޑުއުފުލާފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި އެންޓި ސެމިޓިކް ފިކުރުތަކަށް ގޮވާލަމުން ދިއުމާއިއެކު ފުލުހުންވަނީ ބައިވެރިންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ފުލުހުންނާއި ކުރިމަތިލުން ތަކެއްވެސް ކުރިއަށް ދިއައެވެ. ނަމަވެސް މި ހަމަނުޖެހުން ތަކާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ސްޕެއިންގައިވެސް ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާތަކުގައި  2500އެއްހާ މީހުން ބައިވެރި ވެފައިވާ އިރު، މީގެ ތެރޭގައި ގިނައި ޒުވާނުންކަން ފަހަގަ ކޮށްލެވެއެވެ. ޕުއަރޓަރ ޑެލް ސޯލް ސަރަހައްދުގައި ބޭއްވި މި މުޒާހަރައިގެ ބައިވެރިން ބުނެފައިވަނީ ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދަނީ ސީދާ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށެވެ.

ލުބުނާނުގެ މުޒާހަރާތައް ކުރިއަށްދަނީ އިސްރާއީލާއި ލުބުނާނާ ގުޅޭ ބޯޑަރުގެ ކައިރީގައެވެ. ސަތޭކައަށްވުރެ ގިނަ ލުބުނާން ރައްޔިތުންނާއި ފަލަސްޠީނުގެ ރައްޔިތުންވަނީ މި މުޒާހަރައިގެ ތެރެެއިން ބޯޑަރުގެ ފާރެއް މަތިން އަރައި، އިސްރާއީލަށް ވަދެގަނެފައެވެ. އަދި އިސްރާއީލުން ދިން ހަމަލާގައި މިތަނުން އެކަކުވަނީ ޒަޚަމް ވެފައެވެ.މި މުޒާހަރައިގެ ބައިވެރިންވަނީ އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއްވެސް ފޮނުވާލާފައެވެ.މި މުޒާހަރައިގައި ފަލަސްޠީނުގެ ދިދައިގެ އިތުރުން ހިޒްބުﷲ ޖަމާޢަތުގެ ރީނދޫ ދިދަވެސް ބޭނުން ކޮށްފައިވެއެވެ.

އިންޑިއާ ކަޝްމީރުގައިވެސް ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާ ކޮށްފައި ވާއިރު، އިންޑިއާ ސިފައިންވަނީ މީގެ ތެރެއިން ވިއްސަކަށް މީހުން ހައްޔަރު ކޮށްފައެވެ.ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި އިސްރާއީލާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެއްވެސް ނުތަނަވަސް ކަމެއް އެ ސަރަހައްދުގައި އުފެދެން ޖާގަ ނުދޭނެ ކަމަށެވެ. ނަމަވެސް މުޒާހަރައިގެ ބައިވެރިން ބުނަމުން ގެންދަނީ އެތައް ތުއްތު ކުދިންނެއް އިސްރާއީލުން މަރަމުން ދާއިރު ބަލަން ނުތިބެވޭނެ ކަމަށާއި ކޮންމެ އިންސާނަކަށްވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވުމުގެ ހައްޤު ލިބެން ޖެހޭ ކަމަށެވެ.

ފަލަސްޠީނުގެ ދިފާއުގައި އިނގިރޭސިވިލާތާއި އެމެރިކާ އަދި ޖަރުމަނުވިލާތުގައިވެސް އެތައް ހާސް ބަޔަކުވަނީ މުޒާހަރާކޮށް އަޑު އުފުލާފައެވެ. އެގޮތުން، ލަންޑަނުގައި ހާހަކަށްވުރެ ގިނަ ބަޔަކު މި މުޒާހަރައިގައި ބައިވެރި ވެފައިވާ އިރު، އެ މީހުން ގޮވާލަމުން ދަނީ ޣައްޒާ މިނިވަން ކުރުމަށެވެ.މުޒާހަރައިގެ އަމާރު ހުރީ ލަންޑަނުގައި ހުންނަ އިސްރާއީލުގެ އެމްބަސީއާއި ދިމާއަށެވެ. މުޒާހަރާ އިންތިޒާމު ކުރި ފަރާތުން ބުނީ މި މުޒާހަރައިގައި ސަތޭކަ ހާހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މުޒާހަރައިގެ ބައިވެރިންގެ އަދަދު ސާފު ނުވާ ކަމަށެވެ.

ޖަރުމަނުވިލާތުގެ މުޒާހަރައިގައި އިސްރާއީލު ބޯއީކޮޓު ކުރަން ގޮވާލަމުން ދާއިރު، ފުލުހުންނާއި މުޒާހަރައިގެ ބައިވެރިންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއްވަނީ ހިނގާފައެވެ.

އެމެރިކާގެ ލޮސް އެޖަލިސް، ނިޔުޔޯރކު، ބޮސްޓަން، ފިލަޑެލްފިއާ އަދި އެހެނިހެން ބޮޑެތި ސިޓީތަކުގައިވެސް ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާ ކުރަންވަނީ ފަށާފައެވެ.މި މުޒާހަރާތަކާއި ގުޅިގެން އެ ސިޓީތަކުގައި ބޮޑެތި ޓްރެފިކް ޖޭމްތައް އުފެދިފައި ވާއިރު، ބައިވެރިންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލަމުންނެވެ. މި މުޒާހަރައިގެ ބައިވެރިންގެ އަދަދުވެސް އަންދާޒާ ކުރެވޭ ވަރަށް ވުރެ ބޮޑު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ދިވެހިރާއްޖެއިން ވެސް އަންނަނީ "ދިވެހިން ފަލަސްޠީނާއިއެކު"، މި ނަމުގައި މި މަހުގެ 18ވަނަ ދުވަހު ޚާއްސަ އިވެންޓެއް ބާއްވަން ތައްޔާރު ވަމުންނެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ރާއްޖޭގައި އިތުރުވެފައި ވުމުގެ ސަބަބުން، މި އިވެންޓު ކުރިއަށް ގެންދާނީ ކޮންމެ މީހަކުވެސް ގޭގެ ބެލްކަނީގައި ނުވަތަ ދޮރު މަތީގައި ތިބެގެންނެވެ. މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުަވހުގެ ހަވީރު 16:00 އިން 18:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް