މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 6.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާލެސިޓީ އަދި ރަށްރަށުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އީދު ނަމާދުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް ބަހާފައިވާކަމަށެވެ. މިއަހަރު މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް ޖެހިފައިވަނީ 4،200 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަހަރު މާލެސިޓީގައި 164392 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށާއި، ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 6،746،896.00 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މާޅެސިޓީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި 1498 މީހުން ހިމެނޭއިރު އޭގެތެރެއިން 1494 މީހުންނަށް ފައިސާ ހަވާލުކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިތުރު ޒަކާތަށް ލިބުނު ފައިސާގެ ތެރެއިން ފަޤީރުންނަށް ބަހާފައިވަނީ 6.2 މިލިއަން ރުފިޔާ ކަމަށެވެ. 472،096 ރުފިޔާ ހަވާލުކޮށްފައިވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް