ބޮލީވުޑްގައި މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޕަރޭޝް ރާވަލް މަރުވެއްޖެ ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ޕަރޭޝްގެ ފޮޓޯއެއް ޖެހުމަށް ފަހު ބުނެފައިވަނީ ހުކުރު ދުވަހު ހެނދުނު 7:00 ގައި އޭނާ މަރުވެފައިވާ ކަމަށެވެ. މި ޕޯސްޓާއި އެކު ޕަރޭޝްގެ ސަޕޯޓަރުންތައް ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަން ފަށާފައިވާއިރު ބައެއް ފިލްމީ ތަރިން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ.
އެ ޕޯސްޓާއި ގުޅިގެން އެންމެން ހައިރާންކޮށްލީ ޕޯސްޓު ކުރިތާ ގަޑިއިރެއް ފަހުން ޕަރޭޝް ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކުންނެވެ. ވަރަށް ހަަޖެހިލައިގެން ހުރެގެން ބުނާކަހަލަ ގޮތަށް ޕަރޭޝް ބުނެފައިވަނީ އޮޅުން އެރިކަމަށްޓަކައި މައާފަށް އެދޭ ކަމަށާއި އޭނާއަށް ނިދާފަ ހޭލެވުނީ ހަތެއް ޖެހިފަހުން ކަމަށެވެ.
ޕަރޭޝްގެ މި ޕޯސްޓު އެއް ބަޔަކަށް މަޖާވި އިރު އަނެއް ބަޔަކު ވަނީ އެ ޕޯސްޓާއި އެކު އޭނާ މަރުވިކަމަށް ހަބަރު ފެތުރި މީހާދެކެ ރުޅިއައިސްގެން ތަފާތު ޕޯސްޓުތައް ކޮށްފަ އެވެ. އެގޮތުން އެ މީހާގެ މައްސަލަ ފުލުހުން ހުށަހަޅަން ޖެހޭ ކަމަށާއި މީހުން މަރުވި ކަމަށް ބުނެ ސާބިތު ނުހިފޭ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލާފަވެ އެވެ.
އިންޑިއާގެ މަޝްހޫރު ދުވަސްވީ ތަރިން މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ.
އެގޮތުން މިދިޔަ ހަފްތާގައި ވަނީ ކުރިން ވަރަށް މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ މުކޭޝް ކަންނާ މަރުވި ކަމަށް ބުނެެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފަ އެވެ. އޭނާ މަރުނުވެ ހެޔޮ ހާލުގައި ހުރިކަން ހާމަ ކުރީ ރަސްމީ އިންސްޓަގްރާމްގައި އާންމު ކުރި އޭނާގެ ވީޑިއޯއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް