ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް މާދަމާއިން ފެށީގެން ސައުދީ އަރަބިއްޔާގައި ޝީޝާ ބުއިމުގެ ހުއްދަ ދޭން ނިންމައިފި އެވެ.
އެ ގައުމުގައި ޝީޝާގެ ވިޔަފާރި ކުރާ ތަންތަން ބަންދު ކުރީ ކޯވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރު ކުރީކޮޅެވެ. އޭގެ ފަހުން އެތަންތަން ބަންދު ކޮށްފައި ހުންނަ މުއްދަތު ދިޔައީ އެކިފަހަރު މަތިން އިތުރު ކުރަމުންނެވެ.
ސައޫދީގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއަރޒްއިން ބުނީ ބައިނަލްއަޤްވާމީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އެކު، މާދަމާއިން ފެށިގެން ޝީޝާ ބުއިމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނުގައި ޝީޝާ ބޮވޭނެ ކަމަށެވެ. އަދި އެ މިނިސްޓްރީއިން މިފަދަ ތަންތަން ބަލައި ފާސްކޮށް، އުސޫލުތަކާއި އެއްގޮތަށް ހިންގާތޯ ކަށަވަރު ކުރަމުން ގެންދާނެ ކަމަށެވެ.
ސައޫދީގައި ޝީޝާކެފޭތަކަށް ވަނުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. އެ ޤައުމުގައި މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންގެ މައުލޫމާތު އޮންލައިންކޮށް ފަސޭހައިން ލިބޭނެ އެޕެއް ސައޫދީގައި މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.
ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ޝީޝާ ކެފޭތައް ހުޅުވާލެވޭ އިރު، މި ކެފޭތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައި ހުންނަން ޖެހޭ ކަމަށް އެ މިނިސްޓްރީއިން އާންމު ކުރި އުސޫލުގައި ވެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ނުވާ މުވައްޒަފެއް ނަމަ، ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެެގެޓިވްކަން ދައްކަން ޖެހެއެވެ.
ޝީޝާ ކެފޭތަކުގައި ދެ މޭޒު ދެމެދުގެ ޖާގަ ދުރުކޮށް، އިޖްތިމާޢީ ގައިދުރުކަން ދަމަހައްޓަން ޖެހޭ ކަމަށްވެސް ސައޫދީގެ މުނިސިޕަލް އަދި ރޫރަލް ވުޒާރާއިން މައުލޫމާތު ދެއެވެ.އަދި ޝީޝާ ބުއިމަށް ދެވޭ ހޮޅިއަކީ އެެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ފަދަ ހޮޅިއެއް ކަމަށް ވެފައި، ގުރޫޕެއްގައި ފަސް މީހުންނަށް ވުރެ އިތުރު ނުވާނޭހެން ޝީޝާ ކެފޭ ތަކުން ޖާގަ ދިނުމަށްވަނީ އަންގާފައެވެ. މީގެ އިތުރުން، ކެފޭތަކުގައި ޝީޝާ ގެ ޚިދުމަތް ދެވޭނީ ހަމައެކަނި ހާމަކޮށް އޮންނަ އޯޕަން-އޭރިއާގައި ކަމަށްވެސްވަނީ ޝަރުތު ކޮށްފައެވެ.
ސައޫދީ އަރަބިއްޔާގެ ސިޓީތަކުގައި ޝީޝާ ބުއިމަށް ހުއްދަ ދޫކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި، ޝީޝާ ބޭނުން ކުރާ ކަސްޓަމަރުންގެ އަތުން ބޮޑެތި ފީތައް ޝީޝާ ކެފޭތަކުން ނަގާގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް