މަޝްހޫރު މީސްމީޑިއާ މަންސަ ކަމަށްވާ ޓިކްޓޮކް ބޭނުން ކޮށްގެން ވިޔަފާރި ކުރުން ތައާރަފް ކުރުމަށް ޓިކްޓޮކް އުފައްދާފައިވާ ކުންފުނިން މަސައްކަތް ފަށައިފިއެވެ. މިގޮތަށް ވިޔަފާރި ކުރެވޭ ނިޒާމެއް ޓިކްޓޮކްއިން ޤާއިމް ކޮށްފިނަމަ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފޭސްބުކަށް ކަމަށް ބެލެވެއެވެ.
ޓިކްޓޮކްގެ ބެލެނެވެރި ކުންފުނި ކަމަށްވާ ބައިޓް ޑޭންސް ލިމިޓެޑުން މިހާރު އަންނަނީ ޔޫރަޕުގައި އެ އެޕް މެދުވެރިކޮށް މުދާ ވިއްކާނެ ގޮތްތައް ދިރާސާ ކުރަމުންނެވެ. އަދި މި މަސައްކަތުގައި 'ހައިޕް' ފަދަ މަޝްހޫރު ބްރޭންޑްތަކާއި އެކު ޓިކްޓޮކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޓިކްޓޮކް މެދުވެރިކޮށް ވިޔަފާރި ކުރަން ފެށިއްޖެނަމަ މީސްމީޑިއާގެ މަންސަތަކާއި އޮންލައިންކޮށް ވިޔަފާރި ކުރުމާއި ދެމެދުގައި މިހާރު އޮތް ފަރަޤު އިތުރަށް ހަނިވެގެން ދާނެއެވެ.
ޓިކްޓޮކްގެ އަމާޒަކީ، އެ އެޕްގެ ޗައިނާގެ ވަރޝަން ކަމަށްވާ ދޯޔިން ހޯދާފައިވާފަދަ ކާމިޔާބީއެއް އިލެކްޓްރޯނިކް ވިޔަފާރީގެ ދާއިރާގައި ހޯދުމެވެ. އެ ގޮތުން، ދޯޔިންވަނީ އުފެއްދިތާ އަހަރެއްހާ ދުވަސް ތެރޭގައި 26 ބިލިއަން ޑޮލަރުގެ އަގުހުރި މުއާމަލާތްތަކެއް ހިންގާފައެެވެ. ނަމަވެސް ދޯޔިން ބޭނުން ކުރެވެނީ ހަމައެކަނި ޗައިނާގެ ސަރަހައްދުތަކުގައި ކަމުން، އެހެން ޤައުމުތަކާއި ހަމައަށް ޓިކްޓޮކްގެ އީ ކޮމާސް މަންސަ ފުޅާވެފައި ނުވަނީއެވެ.
އެހެން ޤައުމުތަކުގައިވެސް ޓިކްޓޮކް މެދުވެރިކޮށް ވިޔަފާރި ކުރުން ހުޅުވާލުމަށް ޓިކްޓޮކްއިންވަނީ ގިނަ ޤައުމުތަކެއްގައި ވިޔަފާރި ކުރާ މާޗެންޓުންނާއިއެކު މަސައްކަތްތަކެއް ކުރަން ފަށާފައެވެ. މީގެ ތެރޭގައި އިނގިރޭސި ވިލާތުގެ މާޗެންޓުންގެ އިތުރުންވެސް ޔޫރަޕުގެ ގިނަ މާޗެންޓުން ހިމެނެއެވެ. މި ވިޔަފާރިވެރިންނާއި ގުޅިގެން ޓިކްޓޮކްއިން މަސައްކަތް ކުރަނީ، އެ އެޕް މެދުވެރިކޮށް އެއްފަހަރާ މިލިއަންނަށް ވުރެ ގިނަ ކަސްޓަމަރުންނާއި ހަމައަށް މުދާތައް ފަސޭހަކަމާއިއެކު ސީދާ ފޯރާނެ ގޮތެއް ދެނެގަތުމެެވެ.
ޓިކްޓޮކްއިން މީގެ ކުރިންވެސްވަނީ ޕްރޮމޯޝަންތަކަށް އެކި ފަހަރު މަތިން ވިޔަފާރި ކެމްޕޭންތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިފަހަރުގެ ޓްރަޔަލްތަކަކީ ދުނިޔޭގެ އީ ކޮމާސް ޚިދުމަތަށް ނިކުތުމަށް ޓިކްޓޮކުން ނިކުންނަށް ޤަސްދުކުރާ ކަމުގެ ސިގްނަލެކެވެ.ވިޔަފާރިވެސް ކުރެވޭނެ ހެން ހަދާފައިވާ ޓިކްޓޮކްގެ ޕްރޮޓޯޓައިޕެއް މިހާރު އުފައްދާފައި ވާއިރު، މި އެޕް މިވަގުތު ފެންނާނީ ހަމައެކަނި ޓިކްޓޮކްއިން ހުއްދަ ދީފައިވާ ޚާއްސަ ފަރާތްތަކަށެވެ.ރަސްމީ ގޮތެއްގައި އެޕް މެދުވެރިކޮށް ވިޔަފާރި ކުރުން ޓިކްޓޮކުން ލޯންޗު ކުރާނީ ކޮން އިރަކު ކަމެއް އަދި ނޭނގެއެވެ.
ޓިކްްޓޮކާއި އެކު މަސައްކަތް ކުރާ 'ހައިޕް' ކުންފުނީގެ މަންދޫބެއްވަނީ، އެޕް މެދުވެރިކޮށް ވިޔަފާރި ކުރާނެ ގޮތުގެ ޓެސްޓުތައް މިހާރުވެސް ކުރިއަށްދާ ކަމުގެ ޔަޤީން ކަން ދީފައެވެ. ނަމަވެސް މިކަން ޔަޤީންކޮށް ދިނުމުގެ އިތުރުން އެއްވެސް މައުލޫމާތެއް ހައިޕްގެ މަންދޫބު ދީފައެއް ނުވެއެވެ.ބްލޫމްބަރގް ނޫހުންވެސް ވަނީ ޓިކްޓޮކްގެ ޕްރޮޓޮޓައިޕް އެޕްގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯއިން ފެންނަ ގޮތުގައި، 'ހައިޕް' ކުންފުނީގެ ޓިކްޓޮކް އެކައުންޓުގެ ދަށުގައި އެ ކުންފުނީގެ ތަފާތު ވިޔަފާރިތައް ހިއްސާ ކުރެވިފައިވެއެވެ. އަދި ގިނަ އުފެއްދުންތަކެއްގެ ފޮޓޯ، އަގުތަކާއި އެކު ފަސޭހައިން ބަލާލެވޭނެ ގޮތަށްވަނީ ހިމަނާފައެވެ.
ބައިޓް ޑޭންސްއިން އަންނަނީ ޗައިނާގެ އީކޮމާރސް ދާއިރާގައި އެ ކުންފުނީގެ ބާރު ގަދަ ކުރަމުންނެވެ.އެގޮތުން، 2022 ވަނަ އަހަރާއި ހަމައަށް،އެ ދާއިރާއިން 185 ބިލިއަން ޑޮލަރުގެ ހިއްސާ ހޯދުމަށް އެ ކުންފުނިންވަނީ އަޒުމު ކަނޑައަޅާފައެވެ. އަދި މިކަން ހާސިލް ކުރުމަށް، އެ ކުންފުނީގެ 2 މީސް މީޑިއާ މަންސަ ކަމަށްވާ ޓިކްޓޮކާއި ދޯޔިން އިތުރަށް ތަރައްޤީކޮށް، ބޭނުން ކުރާނެ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
ޓިކްޓޮަކަކީ މީސްމީޑިއާގެ މަންސައަށް ވަރަށް ފަހުން ތައާރަފްވެފައިވާ އެޕެއް ނަމަވެސް، ޖެން-ޒީ އަދި މެލޭނިއަލުންގެ މެދުގައިވެސް ޓިކްޓޮކުވަނީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ވަރަށް މަޤްބޫލު އެޕަކަށް ވެގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް