ކުރުވާހަކަ: ނުދައްކާ ވާހަކަ

ލިޔުނީ: އަބްދުﷲ ޝާހިދު މާޔާ އާއި ޖިދާދުގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަހަކީ އެދެމަފިރިންނަށް ދަރިޔަކު ލިބުނު ދުވަހެވެ. ލޯބި ލޯބި އިވްރީން އެވެ. މާބަނޑުވުމާއި ގުޅިގެން އެކިކަހަލަ އުނދަގޫތައް ކުރިމ...

16 May 2021 | 04:58

ލިޔުނީ: އަބްދުﷲ ޝާހިދު

މާޔާ އާއި ޖިދާދުގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަހަކީ އެދެމަފިރިންނަށް ދަރިޔަކު ލިބުނު ދުވަހެވެ. ލޯބި ލޯބި އިވްރީން އެވެ. މާބަނޑުވުމާއި ގުޅިގެން އެކިކަހަލަ އުނދަގޫތައް ކުރިމަތިވި ނަމަވެސް އެހުރިހާ ކަމަކަށްވެސް ކެތްތެރިވެ މާޔާ ހިތްވަރުކުރީ އެދުވަސް ދުށުމަށެވެ. އެދެމަފިރިންގެ އަލަތު ދަރިފުޅު އިވްރީންގެ ހައްގުގައެވެ. މާބަނޑުވުމާއި ގުޅިގެން މާޔާއަށް އަންނަމުން ދިޔަ ބަދަލުތަކަކީ އާދައިގެ ކަމެއް ކަމަށް ނިންމާ އެކަންތައްތައް ޖިދާދު ހިތުގައި ވަޅުލީ ކޮޓަރީގެ ހަތަރުފާރުން ބޭރަށް އެވާހަކަތައް ގެންދަން އޭނާ ބޭނުންނުވީމައެވެ. އަލަށް މާބަނޑުވުމަކީ ކިހާވަރެއްގެ ވޭނަކާއި ބުރައެއްކަން ޖިދާދަށްވެސް އެނގެއެވެ. ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަމާމެދު އެހެން މީހުންނާ މަޝްވަރާ ކުރުމަކީ ފިރިހެންމީހާގެ ފިރިހެންވަންތަކަމަށް ރައްދުވާ މަލާމާތެކެވެ. ޖިދާދަށް އެއީ ދައްކަންޖެހޭ ވާހަކަތަކެއް ނޫނެވެ. އެހުންނަނީ ނުދައްކާ ވާހަކައެވެ.

މާޔާ ވިހޭކަމުގެ ޚަބަރު ލިބިގެން ގާތްތިމާގެ މީހުންނާއި ރައްޓެހިން، މަރުޙަބާ އާއި މުބާރަކުބާދީއާގެން ހަސްފަތާލަށް ޒިޔާރަތްކުރިއެވެ. މާޔާގެ ހާލު ބަލާލުމަށާއި އިވްރީން ދެކެލުމަށެވެ. ނަމަވެސް އެކަންވީ މާޔާ އެހާ ހިތްހަމަޖެހުނު ކަމަކަށް ނޫނެވެ. މާޔާ އެންމެ ހިތްހަމަނުޖެހުނީ އެކަމާއި ގުޅިގެން ޖިދާދު ފޭސްބުކުގައި ހިއްސާކުރި "ޢަލްޙަމްދުލިﷲ" ޕޯސްޓާއި މެދުގައެވެ. މާޔާ ދެކޭގޮތުގައި އެކަންކަމަކީ ކުއްޖާއަށް އެސްފީނާޖެހުމަށް މެދުވެރިވާނެ ކަންކަމެވެ. މާޔާގެ ހިތްހަމަނުޖެހުން ދުލުން ބޭރުވެގެން ދިޔަ ހިނދު އެއްޗެއް ނުބުނެ ނުހުރެވުނީ މާޔާގެ މައިދައިތަ ހަފީޒާއަށެވެ. ހަފީޒާ ބުނިގޮތުގައި ގާތްތިމާގެ މީހުންނާއި ހެޔޮއެދޭ ރައްޓެހިންނާމެދު އެގޮތަށް ވިސްނުން ބެހެއްޓުމަކީ މާޔާގެ ގޮތެއް ނެތް ކަމެވެ. އަދި ފިރިމީހާއާއި ދިމާލަށް އެއްޗެހި ބުނުމަކީ ފިރިމީހާއަށް އިޚްތިރާމް ނުކުރުމެވެ. އެއީ އަނބިން ދައްކާ ކަހަލަ ވާހަކަތަކެއް ނޫނެވެ. އެހުންނަނީ ނުދައްކާ ވާހަކައެވެ.

ޖިދާދު ހުރީ ބައްޕައަކަށްވުމުން ހައްޤުވެގެންވާ ޗުއްޓީގައިކަމުން، ހަސްފަތާލުން ގެއަށް ފޮނުވާލުމާއެކު ޖިދާދުވެސް މަސައްކަތްކުރީ އެދެމައިންނާއެކު އާދައިގެ އުފާވެރި ޙަޔާތެއް ވޭތު ކުރެވޭތޯއެވެ. ނަމަވެސް ދަރިޔަކު ލިބުމުގެ ފުރަތަމަ މަރުހަލާއަކީ އެހާ ފަސޭހަ މަރުހަލާއެއް ނޫންކަން ޖިދާދަށްވެސް އެނގެއެވެ. އެހެނަސް ދަރިޔަކު ހޯދަން އެދެމަފިރިން ނިންމީ އެކަންކަމަށް ތައްޔާރުވެގެންނެވެ. ކަންމިހެންހުރިކަމުގައިވީ ނަމަވެސް ޖިދާދަށް ކުރިމަތިވީ ކަންކަމަކީ ފަސޭހަކަމެއްކަމުގައި ނުވިއެވެ. ވިހެއުމާއެކު ހަމައަކަށް އެޅޭނެކަމަށް އުންމީދުކޮށްގެން ހުރި މާޔާގެ އުޅުމާއި އަޚުލާޤަށް ބަދަލެއް ނައުމަކީ ޖިދާދަށް ކުރިމަތި ކުރުވި އިތުރު ފިކުރުތަކެކެވެ. ފަހަކަށް އައިސް މާޔާ ގަޔާވެގެން އުޅޭ އެކަހެރި ދިރިއުޅުމާއި ރުންކުރު އުސޫލަކީ ޖިދާދަށް ކަމުދާ ކަންކަމެއް ނޫނެވެ. މީހުންގެ ތެރެއަށް ނުކުމެ ނޫޅުމާއި އިވްރީންވެސް އެހެން މީހުންނާއި ދުރުން ގެންގުޅުމަކީ ޖިދާދު ގަޔާވާ އުޅުމެއް ނޫނެވެ. އެކަންކަމާމެދު މާޔާއާއި ވާހަކަ ދެއްކުމަކީވެސް ބޭކާރު ކަމެކެވެ. މާޔާ ދައްކާ ބަހަނާއަކީ އޭނާގެ އަބަދުވެސް ބަހަނާއެވެ. އެސްފީނާގެ ވާހަކައެވެ. އެކަމަކު އެއީ ޖިދާދަށް އެއްބަސްވެވޭ ކަމެއް ނޫނެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމުގެ ކަންކަން އެހެން މީހުންނާއި ހިއްސާކުރުމަކީ ޖިދާދަށް ކަމުދާކަމެއް ނޫނެވެ. އެއީ އެހެންމީހުންނާއި ހިއްސާކުރާ ކަހަލަ ވާހަކައެއްނޫނެވެ. އެހުންނަނީ ނުދައްކާ ވާހަކައެވެ.

ދިރިއުޅުމުގެ ކަންކަމާއި މަސައްކަތްތައް ހުރި ގޮތުން، މާޔާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އިޔާޝާއަށް، މާޔާއަށް ގޮވާލަން ދެވޭވަރުވީ މާޔާ ގެއަށް ފޮނުވާލިތާ ހަފްތާއެއްވަރު ފަހުންނެވެ. ނަމަވެސް ކަންތައް ދިމާކުރިގޮތުން އިޔާޝާއަށް އިވްރީން ނުފެނުނު ތާނގާ މާޔާވެސް ދެކެލުމުގެ ނަސީބެއް ނުލިބުނެވެ. ދިމާވީ ޖިދާދާއެވެ. ދެމައިން ދެކެލުމަށް އިޔާޝާ އައިސްހުރި ވާހަކަ ބުނަން ޖިދާދު ކޮޓަރިއަށް ވަން ވަގުތު މާޔާ އިނީ އިވްރީނަށް ގާތުންދޭށެވެ. އިޔާޝާގެ ވާހަކަ ޖިދާދު ބުނި ނަމަވެސް މާޔާގެ ފަރާތުން ޝައުގުވެރިކަމެއް ނުފެނުނެވެ. ބަދަލުގައި މާޔާ ބުނި އެއްޗަކުން ޖިދާދު ދިޔައި ސިއްސައިގެންނެވެ. އިޔާޝާމެންނަކީ މަތި އޮމާން އަޑި ނުބައި މީހުންނެވެ. އެމީހުންގެ ފަރާތުން އިވްރީނަށް ލޯތްބެއް ނުލިބޭނެއެވެ. ޖެހޭނީ އެސްފީނާއެވެ. މާޔާ އެކަހަލަ ވާހަކައެއް ބުނާނެ ކަމަކަށް ޖިދާދު އުންމީދުވެސް ނުކުރެއެވެ. އިޔާޝާއަކީ ކުޑައިރުއްސުރެ މާޔާގެ އެންމެ ގާތް އެކުވެރިޔާއެވެ. މާޔާގެ ހުރިހާ ހިތާމައަކާއި އުފަލެއް ހިއްސާކުރުމަށް އެންމެ ގާތުގައި ހުރި މީހާއެވެ. ކޮޓަރިން ނުކުމެފައި މާޔާގެ ބަސްމަގު ހުރިގޮތުގެ ވާހަކަ އިޔާޝާ ގާތުގައި ބުނަން ޖިދާދަށް ނުކެރުނީވެސް އެހެންވެއެވެ. ދެމައިންނަށް ތިބީ ނިދިފައި ކަމަށް ބުނެ އިޔާޝާ ގާތުގައި ދޮގުހަދާފައި އިޔާޝާ ފޮނުވާލަން ޖެހުނު ނަމަވެސް އެއީ މަސްލަހަތު ހުރި ގޮތް ކަމުގައި ޖިދާދު ދެކުނެވެ. މާޔާގެ ވިސްނުމާއި ފިކުރަށް އައިސްފައިވާ ބަދަލަކީ އާދައިގެ ކަމެއް ނޫން ކަމަށް ޖިދާދަށް ފަހުމްވީ އެހިސާބުންނެވެ. ނަމަވެސް އެއީ މާޔާއާއި ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. އެދުވަހު ކޮޓަރި ތެރޭގައި ދެމަފިރިން ވީ އަރާރުމުގެ އަޑު ހަފީޒާ އެއްސެވެ. ނަމަވެސް ހަފީޒާއަކީ އިވޭއަޑުތައް ނީވޭ ކަމަށް ހަދައިގެން ހުރެވޭ ވަރަށްވުރެ އަނގަކަހާ މީހެކެވެ.

ހަފީޒާ އެވާހަކަ ދެއްކީ އޭނާގެ ފިރިމީހާ އިސްމާއީލާއެވެ. މާޔާގެ އުޅުމަށް އައިސްފައިވާ ބަދަލު ހަފީޒާއަކަށްވެސް ކަމަކު ނުދެއެވެ. ކިތަންމެ ލޯބިން އިވްރީން އުރާލާހިތްވި ނަމަވެސް އެފުރުސަތުވެސް ހަފީޒާއަށް ލިބެނީ މަދުފަހަރަކުއެވެ. އެކަމާއި ހިތްހަމުޖެހިގެން ހަފީޒާ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހަފީޒާގެ ނަޒަރުގައި ކޮންމެވެސް މީހެއްގެ ހަސަދަ އެއާއިލާއަށް ޖެހުނީއެވެ. މާޔާއަށް ކުރިމަތިވެފައި އެހުރި ކަމަކީ ސިހުރުގެ ކަމެކެވެ. އިސްމާއީލަށް ބުރަވެވުނީ ހިތަށް އައިހާ ވާހަކައެއް ނުދެއްކުމަށެވެ. ކަމެއްގެ ހަގީގަތް ނޭނގި ވާހަކަ ނުދެއްކުމަށެވެ. އަދި ދެމަފިރިންގެ ދޭތެރެއަށް މައިންބަފައިން ނުވަނުމަށެވެ. އެއީ ދައްކާ ކަހަލަ ވާހަކައެއް ނޫން ކަމަށެވެ. އެހުންނަނީ ނުދައްކާ ވާހަކައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ކަންކަން ދިޔައީ ގޯސްވަމުންނެވެ. މާޔާގެ ރުންކުރު މިޒާޖާއި އެކަހެރި ދިރިއުޅުމަށް ބަދަލެއް ނާދެއެވެ. ފިރިއަކު ހުންނަކަންވެސް އެނާ ހަނދާން ނުހުންނަ ކަހަލައެވެ. ފަރުވާކުޑައީ ހަމައެކަނި ޖިދާދުގެ ކަންކަމަކަށް ނޫނެވެ. އަމިއްލަ ކަންކަމަށްވެސް ފަރުވާ ކުޑައެވެ. ގަބުވެފައި އިންނަ ވަގުތުތައް ގިނަވިއެވެ. ގައިންތާހިރުވާލެއް މަދުވިއެވެ. ކޮޓަރިތެރޭގެ ސާފުތާހިރު ކަމަކަށްވެސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެންނަމަވެސް އިވްރީންދެކެ ލޯބިއެވެ. އިންތިހާއަށެވެ. އަބަދުވެސް އުޅޭނީ އިވްރީން ގޮވައިގެންނެވެ. އެމަންޖެ ނިދާފައި އޮންނަ ވަގުތުވެސް މާޔާ އޮންނާނީ ކައިރީގައި ބަލަހައްޓައިގެންނެވެ. ރޭގަނޑަށްވެސް މާޔާ ނިދަނީ ވަރަށް މަދު ރެއަކުއެވެ. ކެއުމަށްވެސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަމުގެ ސަބަބުން މާޔާގެ ސިއްހަތަށާއި ހަށިގަނޑަށްވެސް ބަދަލު އަންނަމުން ދިޔައެވެ. ފުދޭމިންވަރަށް ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ގާތުން ދެވޭ ކަމަކަށްވެސް ނުވިއެވެ. އެހެންކަމުން އިވްރީނަށް ބުއްފުޅި ދޭން ފަށަން ޖެހުނެވެ.

އިވްރީން ޖިދާދުއާއި ހަވާލު ކުރުމަކީވެސް މާޔާ މާރުހޭ ކަމެއް ނޫނެވެ. އަންހެން ކުދިންގެ ކަންކަން ބަލަހައްޓާނީ މަންމަ ކަމަށް ބުނަމުންނެވެ. ޖިދާދަށް އެންމެ ނުރުހެވުނީ އެކަމާއެވެ. ދެބަސްވި ނަމަވެސް ދަރިފުޅަށް ހިފުމަކީ ޖިދާދު ކުރަން ބޭނުން ކަމެއް ނޫނެވެ. ނަމަވެސް ދިރއުޅުމަށް އަންނަމުންދިޔަ ނޭދެވޭ ބަދަލަކީ ޖިދާދު އުންމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. އެހެންނަމަވެސް މާޔާ މަތިން ޖިދާދު ފޫއްސެއް ނުވެއެވެ. ފިކުރުތަށް ގިނަވެ ހިތްދަތިކަން އިތުރުވީ ނަމަވެސް މާޔާއާއި އިވްރީން ދެކެވާ ލޯބީގެ ހައްގުގައި ހިތްވަރުކުރިއެވެ. މާޔާ ކޮޓަރިން ބޭރަށް ނުކުމެ ނޫޅޭތީ މައިންބަފައިން ކުރާ ސުވާލުތަކަށްވެސް ޖިދާދު ޖަވާބުދާރީވަނީ ކެތްތެރިކަމާއެކު ހިނިތުންވަމުންނެވެ. ވަމުންދާގޮތް އަންގަން ލަދުގަންނަނީއެވެ. ނަމަވެސް ޖިދާދަކީވެސް އިންސާނެކެވެ. އިހުސާސައްތައްވެސް ހިފެހެއްޓޭނީ ވަކިވަރަކަށެވެ. ޖިދާދުގެ ޗުއްޓީ ހަމަވެގެން އޮފީހަށް ނުކުންނަންފެށި އިރު މީހާ ހުރީ ބޯގޮވާވަރުވެފައެވެ.

"ސައިކޭޓްރިސްޓަކަށް ދައްކަންވީނު. ނަފްސާނީ ބައްޔަކީ މިހާރު ވަރަށް އާންމުކަމެއްނު." ޖިދާދު ގަބުވެފައި އިންނަތަން ފެނިގެން އޭނާގެ އޮފީހުގެ ރައްޓެއްސެއް ކަމަށްވާ އުސްމާން ކުރި ސުވާލަށް ޖަވާބުދެމުން، ނުދައްކަންހުރި ވާހަކަ ޖިދާދަށް ދެއްކުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް އުސްމާނުގެ ފަރާތުން ޖިދާދަށް ލިބުނީ ޖިދާދު ބޭނުންވި ކަހަލަ މަޝްވަރާއެއް ނޫނެވެ. މާޔާއަށް ނަފްސާނީ މައްސަލައެއް ދިމާވެދާނެ ކަމަކަށް ޖިދާދަކަށް ގަބޫލެއް ނުކުރެވެއެވެ. ޖިދާދުގެ އާއިލާއާއި ރައްޓެހިންނަކީވެސް މާޔާއަށް ވަރަށް ހެޔޮ ބައެކެވެ. މާޔާއަކީ އަބަދުވެސް އެމީހުންނާއި ގުޅިގެން އުޅޭ ހިތްހެޔޮ، މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ހަމައެހެންމެ ޖިދާދުވެސް މާޔާ ގެންގުޅެނީ ވަރަށް ލޯބިން، ބޭނުންހުރިހާ ކަމެއް ފުއްދާދީގެންނެވެ. މާޔާ ފިކުރުކޮށް ހިތްނުތަނަސްވާނެ އެއްވެސް ކަމެއް އޭނާގެ ޒަވާޖީ ހަޔާތުގައި ކުރިމަތިވެފައެއް ނުވެއެވެ.

އެއްރެއެއްގެ ދަންވަރެވެ. ނިތްމަތީ އަތްހުރަސްކޮށްގެން ފިކުރަކަށް ގެއްލިފައި އޮތް ޖިދާދަށް ހޭވެރިކަންވީ ކައިރީގައި އޮތް އިވްރީން ރޯންފެށުމުންނެވެ. ޖެހިގެން އޮތް މާޔާއަށް އޮތީ ނިދިފައި ކަމުން ޖިދާދު އިވްރީން ގައިގައި ފިރުމަމުން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އިރުކޮޅަކުން އިވްރީން ހަމައަކަށް އެޅުނެވެ. ނަމަވެސް ނިދަން ނޫޅުމުން ޖިދާދުވެސް އިވްރީނާ ސަމާސާކޮށްލަން އޮތެވެ. އެކަހަލަ ފުރުސަތެއްވެސް މިހާރު ލިބެނީ މަދުންވިއްޔާއެވެ. އެވަގުތު މާޔާ ނިދީގައި ކުކުރަން ފެށިއެވެ. ގައިގައި އަތްހާކާ ނިދީގައި ރޯހެންވެސް ހީވެއެވެ. ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އޭނާއަށް ވަމުންދިޔައެވެ. މާޔާ ފުރޮޅެން ފެށުމުން އިވްރީންގެ ދެފަރާތުން ދެއަތުގެ މުލައްދަނޑި ވިއްދާ ޖިދާދު އިވްރީން ހިމާޔަތްކުރިއެވެ. އަދި މާޔާއަށް ގޮވަންފެށިއެވެ. ކުއްލިއަކަށް މާޔާ ދެލޯތަންމިނަށް ހުޅުވިއެވެ. އިވްރީނަށް ހިމާޔަތްދީގެން އޮތް ޖިދާދު ފެނިފާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުން މާޔާ ތެދުވެ ދެއަތުން ލެވުނުހާ ބާރެއް ލާފައި ޖިދާދު ކޮއްޕާލިއެވެ. ޖިދާދު އެނދުންވެއްޓި ތަޅުންގަނޑުގައި ބޯޖެހުނެވެ. "ކަލޭ މީގެފަހުން މަގޭ ދަރިޔާ ވައިއެޅިގެންވެސް ނުވާނެ. ހަޔާތްކުޑަ." ދުވަހަކުވެސް މާޔާގެ އަނގައިން އިވިފައިނުވާ އަޑަކުން އެހާމެ ހަރުކަށި ރާގެއްގައި އިވުނު އިންޒާރުން ޖިދާދު ހައިރާނަށްވުރެ ބޮޑަށް ގަތީ ބިރެވެ. ވިސްނަން މަޖުބޫރުކުރުވި އެހާދިސާއާއެކު އެރޭ އެނދުގައި ނިދަން ޖިދާދަކަށް ނުކެރުނެވެ. އެރޭ އޭނާ އޮތީ ބޭރު ސޯފާގައެވެ.

"އަހަރެން އޭރުވެސް ބުނީމެއްނު ތީ ސިހުރުގެ ކަމެކޭ." ހެނދުނު ޖިދާދުގެ ހާލަތު ފެނުމުން އޭނާގެ މައިންބަފައިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެމުން، ފެނުނު ބިރުވެރި މަންޒަރު ޖިދާދަށް ސިއްރު ނުކުރެވި ކިޔާދެވުމާއެކު ހަފީޒާ އަނެއްކާވެސް މަތިކުރީ ސިހުރެވެ. ޖިދާދަށްވެސް ބުރަވެވުނީ އެކޮޅަށެވެ. އިސްމާއީލް ހިޔާލު ދިނީ އޭނާގެ ރަހުމަތްތެރި އާދަނު ލައްވާ ރުގްޔާ ކުރުމަށެވެ. އާދަނަކީ ރުގްޔާ ކުރުމުގައި ނަންހިނގާ މޮޅުމީހެކެވެ. ނަމަވެސް ދެން އެންމެ ބޮޑު ގޮންޖެހުމަކަށްވީ މާޔާ އެކަމަށް ރުއްސާނެ ގޮތެކެވެ.

އެފިކުރުގައި ޖިދާދު ކޮޓަރިއަށް ވަންއިރު މާޔާ އިނީ އެނދުމަތީގައި އިށީންދެ ރޯށެވެ. ކުރެވުނު ކަންތަކާމެދު މޮޔަހީވީ ކަންނޭނގެއެވެ. ނަމަވެސް ޖިދާދު ހުރީ ދެހިޔާލެއްގައެވެ. މާޔާއާއި ގާތްވާން ޖިދާދު ހުރީ ޖެހިލުންވެފައެވެ. ނަމަވެސް ވާހަކަ ނުދައްކާ ހައްލެއް ނެތެވެ. ހިތްވަރުކޮށްފައި ޖިދާދު، މާޔާގެ މަގަތުން އިށީންދެ މާޔާގެ ބުރަކަށީގައި ފިރުމާލިއެވެ. މާޔާގެ ދަތިވެފައިވާ ހިތް ވިރިގެންގޮސް ޖިދާދުގެ އުނގުމައްޗަށް ވެއްޓިގަނެ އެއަށްވުރެ ބާރަށް ރޯން ފެށިއެވެ. ޖިދާދުގެ ލޮލުންވެސް ކަރުނައައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި މާޔާއަށް ވިސްނާދެވޭތޯ މަސައްކަތްކުރިއެވެ. އެމީހުންނަށް ޝައްކު ކުރެވޭ ސިހުރުގެ ވާހަކައިން ފެށިއެވެ. މާޔާގަތީ ބިރެވެ. މާޔާގެ މާޒީއާއި ސިހުރާ ކޮންމެވެސް ގުޅުމެއްވާފަދައެވެ. އެހެންކަމުން މާޔާވެސް ބޭނުންވީ އެކަމުން ސަލާމަތްވާށެވެ.

ރުގްޔާގެ ކަންތައްފެށި އާދަނުގެ އިރުޝާދުގެ ދަށުން ކުރިއަށް ދިޔައެވެ. ތިން ރޭ ކިޔެވުނެވެ. ނަމަވެސް ސިހުރުޖެހިފައިވާ ބަލިމީހުންގެ ކިބައިން ފެންނަންޖެހޭނެ ކަމަށް އާދަނު ބުނި އެއްވެސް ކަމެއް މާޔާގެ ކިބަޔަކުން ނުފެނުނެވެ. އެހެންކަމުން އާދަނު ނިންމީ ސިހުރު ނުވަތަ ޖިންނީގެ އެއްވެސް ކަމެއް މާޔާއަށް ޖެހިފައިނުވާ ކަމަށެވެ. އާއިލާއިން އެކަމާ އުފާކުރި ނަމަވެސް މާޔާއަށް އެއްވެސް ކުރިއެރުމެއް ނުލިބުމަކީ ހިތާމައެކެވެ.

"ސިހުރު ނޫނިއްޔާ ދެންވާނީ ހަމަ ނަފްސާނީ ކަމަކަށް." ޖިދާދު އެކަން އިޔާޝާއާއި މަޝްވަރާކުރި ހިނދު އިޔާޝާ ބުންޏެވެ. "އޭނަ މަންމަ ނިޔާވި ދުވަސްކޮޅުވެސް އޭނާ ޑިޕްރެޝަނަށް ދިޔަ." މާޔާގެ މާޒީއިން ބާރުދެމުން އިޔާޝާ ވާހަކަ ދެއްކުމުން ޖިދާދުވެސް ބޭނުންވީ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށެވެ. "އަހަރެންގެ ހުންނާނެ ކަޒިން އެއް. އުލްވާ." އެކަމަށްވެސް އެހީތެރިވީ އިޔާޝާއެވެ. "އެއީ ވަރަށް މޮޅު ސައިކޭޓްރިސްޓެއް. އޭނާ ގޮވައިގެން ޖައްސާލާނަން އިނގޭ މާޔާ ގާތަށް."

އުލްވާއަށް ވަގުތެއްވެގެން އިޔާޝާއާއެކު މާޔާ ގާތަށް ދެވޭ ވަރުވީ، މާޔާގެ ހާލު ދެރަވެގެން ހަސްފަތާލުގައި އެނދުމަތިކޮށްފައި އޮތް ދުވަހަކުއެވެ. އިޔާޝާ ފެނުމާއެކު މާޔާއަށް ރޮވުނެވެ. އުލްވާއަށް އެއީ ފެހި ސިގުނަލެކެވެ. ނަފްސާނީ ބަލިމީހުންގެ ކިބައިން އެމީހުންގެ ހަޔާތުގެ ސިއްރުތައް ހޯދުމަށް އެންމެ ފަސޭހަ މަގަކީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނަށްވުރެ، ހެޔޮއެދޭ ރައްޓެއްސެއްގެ ހައިސިއްޔަތުންނެވެ. އިޔާޝާ، އުލްވާ، މާޔާއަށް ތައާރަފްކޮށްދިނުމާއެކު އުލްވާގެ އޯގާތެރިކަން މާޔާއަށް އިހުސާސްކުރެވުނެވެ. ހާލަތުގެ ގޮތުން މާގިނަ ވާހަކަތަކެއް ނުދެއްކުނު ނަމަވެސް މާޔާއާއި ރަހުމަތްތެރިވާނެ ފުރުސަތު އުލްވާއަށް ލިބުނެވެ. އެއީވެސް ލިބުނު ކުރިއެރުމެކެވެ.

މާޔާގެ ބަލި ހާލަތު ހުރިގޮތުން އުލްވާގެ ސެޝަންތައް ކުރިއަށް ގެންދިޔައީ މާޔާގެ ކޮޓަރީގައެވެ. މަސްދުވަހުގެ މަސައްކަތުގެ ތެރެއިންވެސް މާޔާގެ ފަރާތުން ކުރިއެރުން ފެންނަމުން ދިޔައެވެ. އެއާއެކު މާޔާގެ ހަޔާތުގެ ވަރަށް ގިނަ ކަންކަންވެސް އުލްވާއަށް އެނގެމުންދިޔައެވެ. މާޔާގެ ކުރިމަތިވެފައިވާ މައްސަލައަކީ ކޮބާކަންވެސް އުލްވާއަށް އެނގުނެވެ. އަދި މާޔާގެ ހަޔާތުގެ ބޮޑު ސިއްރުވެސް ފުރަތަމަ ފަހަރަށް މާޔާ ހާމަކުރިއެވެ. ނަމަވެސް ޖިދާދާ އެކަންކަން ހިއްސާ ކުރާކަށް މާޔާއަކަށް ނުކެރުނެވެ. އެކަމަށް އުލްވާގެ އެހީތެރިކަން ހޯދިއެވެ.

ޖިދާދަކީ މާޔާގެ ފިރިމީހާއަށްވާތީ މާޔާގެ ކަންކަން ޖިދާދަށް އެނގެން ޖެހޭނެއެވެ. ކުރިއަށް އޮތްތާ މާޔާގެ ހެވަކަށްވެސް ޖިދާދަށް އެކަންކަން އަންގަން ޖެހެއެވެ. އުލްވާ އެކަންކަން ޖިދާދާ ހިއްސާކުރިއެވެ. މާޔާއަށް ކުރިމަތިވެފައިވާ މައްސަލައަކީ ޕޯސްޓްޕާޓަމް ސައިކިއޭޓްރިކް ޑިސްއޯޑަރއެވެ. އެއީ މާބަނޑުވުމާއި ވިހެއުމާއި ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކެކެވެ. އެކަންކަމުގެ ސަބަބުން ގިނަ އަންހެނުން ޑިޕްރެޝަނާ ކުރިމަތިލާން ޖެހެއެވެ. އަދި މާޒީގައި ޑިޕްރެޝަނާއި ކުރިމަތިލާފައިވާ އަންހެނެއް ނަމަ އެކަންމެދުވެރިވާން ފަސޭހަވާނެއެވެ. މާޔާއަށްވީ އެހެންނެވެ. އޭރު އޭނާ ކަޑައްތުކުރި ޑިޕްރެޝަން، މާބަނޑުވުމާއި ގުޅިގެން އަނެއްކާ ކުރިމަތިވީއެވެ. ނަމަވެސް އޭނާ ޑިޕްރެޝަނަށް ދިޔައީ މަންމަ ނިޔާވުމުގެ ސަބަބުންނެއް ނޫނެވެ. މާޔާގެ ހަޔާތުގެ ބޮޑު ސިއްރަކީ އެއީއެވެ.

މާޔާއަކީ އަބަދުވެސް މީހުންނާ ގުޅޭ މަޖާމިޒާޖެއްގެ ކުއްޖެކެވެ. މާޔާގެ މަންމަ ނިޔާވިއިރު މާޔާގެ އުމުރުން ސާދައަހަރެވެ. ދެމަފިރިންގެހުރީ މާޔާ އެކަންޏެވެ. ނަމަވެސް މާޔާގެ މަންމަ ނިޔާވީ ޕެރަލައިޒް ވެގެން ދެއަހަރު ދުވަހު ބަލިއެނދުގައި އޮވެފައެވެ. ދެއަހަރުތެރޭގައި ބޮޑުދައިތަގެ އެހީތެރިކަމާއެކު މާޔާއަށްވަނީ އެކަނި އުޅެން ދަސްވެފައެވެ. މަންމަ ނެތުމުން ދެރަވި ނަމަވެސް އެކަމުން މާބޮޑު އަސަރުތަކެއް މާޔާއަށް ނުކުރުވީ އެހެންވެއެވެ. އެހެންނަމަވެސް މަންމަ ނިޔާވުމާއެކު ދެބަފައިން އެކަނިވި އެގޭތެރެއިން މާޔާއަށް ކުރިމަތިލާން ޖެހުނީ ބިރުވެރިކަމަކާއެވެ. މާޔާގެ ބައްޕަ އިތުރު އަންހެނަކު ގެއަށް ގެންނަންފެށީއެވެ. މާޔާއަށް އިވެނީ ދަންވަރަށް ދެމީހުން ސަކަރާތްޖަހާއަޑެވެ. އެއީ ކޮން އަންހެނެއްކަން ބަލަންބޭނުންވި ހިނދު އެއްރެޔަކު މާޔާ ބައްޕަގެ ކޮޓަރީގެ ދޮރުފަތުގައި ކަންފަތް ޖަހައިގެން އެމީހުންގެ ވާހަކަތައް އަޑުއެހިއެވެ. މަންމަގެ މަރުގެ އަސްލު މާޔާއަށް އެނގުނީ އެރެއެވެ. މަންމަ ޕެރެލައިޒްކޮށްލީ އެދެމީހުން ވެގެން ސިހުރުހަދައިގެންނެވެ. އަދިއެގުޅުމަކީ މާކުރިއްސުރެވެސް އެދެމީހުންގެ މެދުގައި އޮންނަގުޅުމެކެވެ. ބޭއިޚްތިޔާރުގައި މާޔާއަށް ރޮއެގަނެވުމާއެކު ބައްޕަ ދޮރުހުޅުވާލިއެވެ. ބޮޑުސިއްރު މާޔާއަށް ފަޅާއަރައިފިކަން އެނގުނު ހިނދު ބައްޕަގެ ބިރުވެރި، އަނިޔާވެރި ސިފަ މާޔާއަށް ދައްކާލިއެވެ. އާއިލާގެ ގަދަރު ހިފެހެއްޓުމަށް މާޔާ އެކަން ސިއްރުކުރުން ވެގެން ދިޔައީ އޭނާއަށް ބޮޑުވޭނަކަށެވެ. ކުރިމަތިވި ޑިޕްރެޝަން އެންމެންވެސް މަތިކުރީ މަންމަ ނިޔާވުމުންވީ ކަމެއްގެ ގޮތުގައެވެ. މާޔާވެސް އެކަން އެގޮތަށް ބޭއްވީއެވެ. އެގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު އެއްރެއަކު އެއަންހެންމީހާ ބައްޕައާއި ޒުވާބު ކުރީ ކައިވެނި ކުރުން ލަސްކުރާތީއެވެ. އެރޭ އޭނާ ނުކުމެގެން ދިޔައީ މުއްދަތެއް ދިނުމަށްފަހު، އެމުއްދަތުގައި ކައިވެނި ނުކޮށްފިނަމަ ބައްޕަވެސް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އެބުނި މުއްދަތު ފަހަނައަޅާ ދިއުމަށްފަހު، މާލޭގައި ހިނގި އެކްސިޑެންޓެއްގައި ބައްޕަގެ ފުރާނަ ދިއުން އެހެންމީހުންނަށް ހިތާމައަކަށް ވީނަމަވެސް އެއީ މާޔާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. ނަމަވެސް ދިގުމުއްދަތަކަށް މާޔާ ފިރިހެނުންނަށް ނަފުރަތު ކުރިއެވެ. ބޮޑުދައިގެ ލޯތްބާއި އޯގާތެރިކަމާއެކު ކުރީގެ ހާލަތަށް އެނބުރި އައިސް، އޭނާގެ ވިސްނުން ބަދަލުކޮށްލި ޖިދާދަށްވެސް މާޔާ އެކަން ސިއްރުކުރީ މާޒީ ހަނދާންކުރަން އޭނާ ބޭނުންނުވީމައެވެ. ނަމަވެސް މާބަނޑުވުމާއި ގުޅިގެން އަންނަންފެށި ބަދަލުތަކާއެކު އެއިހުސާސްތައް އަނެއްކާވެސް މާޔާގެ ހަށިގަނޑުގައި ހިލުވާލީއެވެ. ޖިދާދާއި ދިމާވުމުގެ ކުރިން ފިރިހެނުންނަށް އޮތް އިތުބާރުގައި ޖެހުނު ލައްގަނޑުގެ ކުލަ އަނެއްކާވެސް ގަދަވެގެން ދިޔައީއެވެ. އެއީ މާޔާގެ ކުށެއް ނޫނެވެ.

ނަފްސާނީ މައްސަލަތަކުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް ވާހަކަތަކެވެ. އެއީ ދައްކަންޖެހޭ ވާހަކަތަކެކެވެ. ދުނިޔޭގެ ލަދަށް ސިއްރުކުރާ ސިއްރުކުރުން ދޫކޮށްލަންވެއްޖެއެވެ. ޕޯސްޓްޕާޓަމް ސައިކިއޭޓްރިކް ޑިސްއޯޑަރއަކީވެސް އެފަދަ ނަފްސާނީ މައްސަލަތަކެކެވެ. މާޒީގައި އެއްވެސް ކަހަލަ ނަފްސާނީ މައްސަލައެއް ދިމާވެފައިނުވާ އަންހެނުންނަށްވެސް މި ޑިސްއޯޑަރއާއި ކުރިމަތިލާން ޖެހިދާނެއެވެ. ހައްލުލިބޭނީ ވާހަކަ ދައްކައިގެންނެވެ. އެކަމާއި ކުރިމަތިލައިގެންނެވެ. އެކަކުއަނެކަކަށް އޯގާތެރިވާށެވެ. ގިނަގިނައިން ވާހަކަ ދައްކާށެވެ.  ﷲގެ އިރާދަފުޅުން މިއަދު މާޔާއަކީ ލޯބި ލޯބި ދެކުދިންގެ މަންމައެކެވެ. ޖިދާދަކީ އުފާވެރި އަންބެއްގެ ހުރި ފަޚުރުވެރި ފިރިއެކެވެ. ދެމަފިރިންގެ ދިރިއުޅުން އުޖާލާވެފައިމިވަނީ ހިތްވަރާއި ކެތްތެރިކަމާއެކު ކުރެވުނު މަސައްކަތުންނެވެ.

ނިމުނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް