އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހު 31 ގައި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ގައި ބާއްވަން ހަމަޖައްސައިފި އެވެ. އެ ކުންފުނިން މިއަދު ބުނީ އެސްޓީއޯގެ ހުރިހާ ހިއްސާދާރުންނަށް ޖަލްސާގ...

16 May 2021 | 04:57

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ އެސްޓީއޯގެ ހުރިހާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އަރުވާ ކަމަށެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިއަދުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ. އަދި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީން ވާން ޖެހޭނެ އެވެ.

އެސްޓީއޯއިން ބުނީ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމާފައިވާވަރު ހުށަހަޅައި ފާސް ކުރުން އޮއޮންނާނެ ކަމަށެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 60 ރުފިޔާ ބަހަން ހުށަހަޅާށެވެ.

އަދި އެ ޖަލްސާގައި މިއަހަރަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމަށް ނަންތައް ފާސްކޮށް އާންމުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މީހަކު އައްޔަން ކުރުމަށް ފާސް ކުރާނެ އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމާފައިވާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ކޯވިޑް-19 ގެ ސަބަބުން އެ ކުންފުންޏަށް ދިޔައީ ގެއްލުމާއި ކުރިމަތިވަމުންނެވެ.

އެކަމަކު މިއަަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ 2.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް