ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެެރި ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ބަޔާނެއް ދެއްވައިފި އެވެ.
އޭނާގެ ބަޔާން ނެގި ކަން ފުލުހުން ވަނީ ކަށަވަރުކޮށްދިނެވެ. އެކަމަކު އެއީ އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް އިލްޔާސް ބަޔާނެއް ދެއްވިއިރު، ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރަން އެންގެވި ކަަމަށް މާރިޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރުމުން އިލްޔާސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އޭނާއަށް ލިބިވަޑައިގަތް މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރާކަށް މިނިސްޓަރު ނާންގަވަ އެވެ.
މި ވާހަކަތައް ފެންމަތިވީ އެމަނިކުފާނަށް މި މަހުގެ ހަ ވަނަ ދުވަހު މާލޭގައި ދިން އެ ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިންނަށް ލިބިފައި ނުވާ ކަމަށް ބުނެފައި ވަނިކޮށެވެ.
އިލްޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ލިބުމާ އެކު އެކަން ނަޝީދާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި، އެމަނިކުފާނުގެ އިރުޝާދާ އެކު ޑިފެންސް މިނިސްޓަރަށް އެ މައުލޫމާތުގެ ތަފްސީލް އެރުވި ކަމަށެވެ.
"ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓަރު ކަމަށްވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން އެ މައުލޫމާތަށް ފުލުހަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސްއަށް ހިއްސާކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލެއްގައި އަންގާފައެއް ނުވޭ،" އިލްޔާސް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ އެވެ. އެކަމަކު ތަހުގީގު ކުރިއަށް ދަނިކޮށް ދައުލަތުގެ އިދާރާއަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެ މައުލޫމާތު މީޑިއާގައި ބަހުސް ކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް