ކޮވިޑުގައި މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިިޓީގައި ފަރުވާދެމުން ދަނިކޮށް، މިއަދު 04:30 ހާއިރު ނިޔާވެފައިވަނީ އުމުރުން30 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ދެ ދަރިންގެ މަންމައެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ.
މި މަރާއެކު މިއަދު ކޮވިޑުގައި ރާއްޖެއިން ދެ މީހަކު މިވަނީ ދުނިޔެ ދޫކޮށްފައެވެ. މި މަހުގެ ތެރޭގައި މަރުވި އަދަދު މިވަނީ23 އަށް އަރާފައެވެ. އަދި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 96ށް އަރާފައެވެ.
https://twitter.com/HPA_MV/status/1393782666374172676
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް، އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ނިޔާވެފައި ވެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ނިޔާވެފައިވާ ޖުމުލަ 96 މީހުންގެ ތެރޭގައި ހިމެނެނީ 85 ދިވެހިންނާއި 11 ބިދޭސީންނެވެ.
މިއަހަރުގެ މިހާތަނަށް 45 މީހަކު މިވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.
ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ ޖުމްލަ އަދަދު މިހާރު އުޅެނީ ހާހުގައެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި، ރާއްޖެއިން 1007 މީހަކު އިއްޔެ ކޮވިޑަށް ފައްސިވެފައިވެއެވެ.
މި އަދަދާއެކު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 43،783 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 15،666 އަށް އަރާފައިވާއިރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިވަނީ 260 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް