މިއީ ރޭގައި ޓީވީއެމް އިން ގެނެސްދިން އަޝްރާގެ ވާހަކައެވެ. ހިތްދަތި، ހިތާމަވެރި އެތައް ކަމެއް ހަޔާތުގައި ކުރިމަތިވެފައިވާ އަޝްރާގެ މި އިންޓަވިއު، ދިވެހިން ރޮއްވާލާފައިވާއިރު، އަޝްރާގެ އިހުސާސް އެންމެ ހަތް ލަފްޒުން ބުނެލީ، މި ޖުމްލައެވެ.
"ނޯމަލް ލައިފެއް އުޅެލަން ހަމަ އެންމެ ދުވަހެއްވެސް ވާތު" ރޮއެ، ލޯ ރަތްވެފައިވާ އަޝްރާ ހިތްވަރާއެކު ބުނެލިއެވެ.
އެ ވަގުތުކޮޅު ވެގެންދިޔައީ ޝޯގެ ޕްރެޒެންޓާ ނަމްޒާއަށްވެސް ކެތް ނުކުރެވި، އަރު ބެދި، ބަސް ހުއްޓި 30 ވަރަކަށް ސިކުންތު ހޭދަވި ވަގުތުކޮޅަކަށެވެ.
އަޝްރާގެ މި ހިތްދަތި ވާހަކަ ބެލުންތެރިންނާ ހިއްސާކޮށްފައިވާއިރު ހަމަ ކޮންމެ ޖުމްލައަކުންވެސް ބުނެދެމުންދިޔައީ، ހާލު ކިތަންމެ ދެރަ ނަމަވެސް އުންމީދު ކަނޑާ ނުލާ ކަމެވެ. ލާ ނޭވާ، ކުޑަ ފުޅިއެއްގައި، ކުޑަ ދަބަހެއްގައި އަބަދުމެ ހަށިގަނޑުގެ އެއްބައިހެން ގެންގުޅޭއިރު، އިންޓަވިއު ކުރިއަށްދިޔަ އިރު މެދުކެނޑުމެއްނެތި އިވެމުން ދިޔަ މަޑު މަޑު "ބީޕް" އަޑަކީ އަޝްރާގެ ނޭވާގެ އަޑެވެ. އަހަރުމެން އާންމު ދިރިއުޅުމުގައި އިމެއް، މިނެއް ހުރަހެއް ނެތި މި ލާ ނޭވާވެސް އަޝްރާ އެ އުޅެންޖެހެނީ، ގައިދުކޮށްފައިވާ ފުޅިއަކާއެކުގައެވެ.
ޕްރޮގްރާމުން ކިޔާދިން ގޮތުގައި އެންމެ ކުޑައިރުވެސް އަޝްރާގެ ދިރިއުޅުމުގައި ދިމާވަމުންދިޔައީ ހިތާމަވެރި ހިތްދަތި އެތައް ކަންތައްތަކެކެވެ. ތިން އަހަރު ވީ އިރުވެސް ނުހިނގުމާ، ކުޅެ ދުވެ ހަދަން އުޅޭނެ ހިތްވަރާ ބުންވަރު ނެތުމާ، ބުލީގެ ޝިކާރައަކަށްވުމާ މިކަހަލަ އެތައް އެތައް ވާހަކައެއް އަޝްރާގެ މި ވާހަކައިން ބެލުންތެރިންނާ ހިއްސާ ކުރިއެވެ.
ހަޔާތުގައި ތިންވަނަ ކައިވެންޏެއްގައި ހުރި އަޝްރާގެ ފުރަތަމަ ފިރިމީހާގެ އިންސާނިއްޔަތު ކަމެއް ނެތް ވާހަކައިންނާއި ބުނެލާފަ ހުރި ބަސްބަހުގެ ހިތްދަތިކަމުން، ހުރިހާ ކަމެއް ފުރޮޅި މިއަދުގެ ފިރިމީހާ އަޝްރާ ސިފަ ކުރަނީ ހަޔާތަށް ދެއްވި ޖަވާހިރެއްގެ ގޮތުގައެވެ.
ފިރިއެއްގެ ހައިސިއްޔަތުން، އިންސާނިއްޔަތުގެ އިމެއް މިނެއް ނެތް ޤުބާނީތަކެއް ވަމުން އަންނަ ޔާސިރު އަދިވެސް އުންމީދު ކަނޑާނުލާ މަސައްކަތް ކުރަމުން އެ އަންނަނީ އަޝްރާއަށް އާންމު އިންސާނެއްގެ ދިރިއުޅުން ހަމަ އެންމެ ދުވަހަކަށް ނަމަވެސް ހޯދައިދެވޭތޯއެވެ.
އަޝްރާގެ އަތުގައި ހިފިގޮތަށް ޔާސިރު އެހުރީ އެ އަތުން ދޫކޮށްލާ ގޮތަކަށް ނޫނެވެ. ޔާސިރު ގަބޫލުކުރާ ހަގީގަތަކީ ބަލި ވުމަކީ އިންސާނާގެ ކުށެއް ނޫންކަމެވެ. އިންސާނާއަށް އޮތީ ގަދައަޅާ މަސައްކަތް ކުރުން ކަމެވެ.
އެއިސެންމެންގާ ސިންޑްރޯމް އާ ހަނގުރާމަ ކުރަމުން އަންނަ އަޝްރާގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތާއި މޭގެ ޓްރާންސްޕްލާންޓެއް ހަދައިގެން ކަމުގައިވާއިރު މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮވިޑުގެ ހާލަތެވެ. އަބަދުވެސް ފައިސާގެ ދަތިކަން ކުރިމަތިވި ނަމަވެސް އަޝްރާއާއި ޔާސިރު ތިބީކީ އުންމީދު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އުންމީދުން ފުރިފައެވެ.
އަޝްރާގެ ހަޔާތުގައި ކުރަން ބޭނުންވެ ނުކުރެވި އެތައް އެތައް ކަމެއް އެބަހުއްޓެވެ. އެއީ އަހަރެމެން އާންމު ދިރިއުޅުމުގައި ހަމަ މިވަގުތުވެސް ކޮށްލެވިދާނެހާ ކުދި ކުދި ކަންކަން ކަންކަމެވެ.
މޫދަށް ދިއުން، ވާރެއާ ތެމިލުން، އޮކްސިޖަން ފުޅިއާ ނުލާ ދިރިއުޅުން މިކަހަލަ އެތައް އެތައް ކުދި ކުދި ކަންކަމެއް ވެފައިމިވަނީ ދިރިއުޅުމުގައި އަޝްރާ ހާސިލުކުރަން ބޭނުންވާ ބޮޑެތި ކަންކަމަށެވެ.
"ޔާސިރު ލިބުން އެއީ އަގުބޮޑު ޖަވާހިރެއް، މާތް ﷲ ދެއްވި" އަޝްރާ އޭނާގެ ފިރިމީހާ ޔާސިރު ސިފަކުރި ގޮތަކީ އެއީއެވެ.
އަޅުގަނޑުމެންގެވެސް ދުއާއަކީ، އަޝްރާއަށް، އަޝްރާގެ އޮޕަރޭޝަން ކުރެވި، ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުމެވެ. އެންމެ ދުވަހެއް ނޫނެވެ. އެފަދަ އެތައް އެތައް ދުވަހެއް، ހިތްވަރު ގަދަ އަޝްރާއަށް މިންވަރު ކުރެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް