ރަސްމީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ، ދެ ކައުންސިލެއްގެ ދެ ވަނަ ބުރު ބާއްވާނެ

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށް ނިންމައިފި އެވެ. ރަސްމީ ނަތީޖާ އިއުލާނު ކުރަން ފެށީ އިއްޔެ މެންދުރު 2:30 ގައި އެވެ. ނަތީޖާ އިއުލާނު ކޮށް ...

16 May 2017 | 08:09

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށް ނިންމައިފި އެވެ.

ރަސްމީ ނަތީޖާ އިއުލާނު ކުރަން ފެށީ އިއްޔެ މެންދުރު 2:30 ގައި އެވެ. ނަތީޖާ އިއުލާނު ކޮށް ނިމުނީ ރޭ ދަންވަރު 1:45 ހާއިރު އެވެ.

ރަސްމީ ނަތީޖާ ދައްކާގޮތުން ދެ ވަނަ ބުރު ބާއްވަން ޖެހެނީ ށ. ކޮމަންޑޫގައި އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ވަނީ ތ. މަޑިފުށީ ވޯޓު ފޮށްޓަށް ވޯޓުލީ އެހެން ކައުންސިލެއްގެ މީހަކަށް ނުބައި ވޯޓު ކަރުދާހެއްގައި ފާހަގަ ޖެހިގެން ހުށަހެޅި ޝަކުވާ އަކާއި ގުޅިގެން އެ ރަށުގައި އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން ނިންމާފައި އެވެ.

އީސީން ބުނީ އެ ޝަކުވާ އަކީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ޝަކުވާއެއް ކަމަށެވެ. އީސީން ބުނީ އިންތިހާބު ބާއްވާނީ އެންމެ މަތިން ވޯޓު ލިބުނު ހަތަރު ކެންޑިޑޭޓުންގެ މެދުގައި ކަމަށެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން އިދިކޮޅު އެމްޑީޕީއަށް 312 ގޮނޑި ލިބިފައިވެ އެވެ. ވެރިކަން ކުރާ ޕީޕިއެމްއަށް 212 ގޮނޑި ޖުމްހޫރީ ޕާޓީއަށް 20 ގޮނޑި އަދި އެމްޑީއޭއަށް 18 ގޮނޑި، އަމިއްލަ ގޮތުން ވާދަ ކުރި ފަރާތްތަކަށް 101 ގޮނޑިގެ އިތުރުން ޑީއާރުޕީއަށް ލިބިފައިވަނީ އެއް ގޮނޑި އެކެވެ.

އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ދެ ރަށުގައި  އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދެ ރަށުގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް