މޭޑޭގެ މުޒާހަރާ އާއި ގުޅިގެން އޭގެ ފަހުން ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހް ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ފަށަން ހައި ކޯޓުން ތާވަލްކޮށްފި އެވެ.
ސޮބާހްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 11:15 ގަ އެވެ.
ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދެވި ސޮބާހް ހައްޔަރުކުރީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ހުންނަވަނިކޮށެވެ. ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި ސޮބާހްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދިނުމުން، އޭނާ ވަނީ އެ މައްސަލަ އިސްތިއުނާފް ކުރައްވާފަ އެވެ.
ސޮބާހުގެ އިތުރުން މޭޑޭގެ މުޒާހަރާ އިންތިޒާމްކުރުމުގައި ހަރަކާތްތެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ ތެރެއިން އަމީން ވަނީ، ހައި ކޯޓުގެ އަމުރަށް، މިދިޔަ ބުރާސްފަތިދުވަހު ދޫކޮށްލައިފަ އެވެ. އިމްރާނާއި އަލީ ވަހީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން އެދުވަހު ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް