އެމްޑީޕީއާއި މަންދީ އަދި ފައްޔާޒްގެ މައްޗަށް ފަސްޓްލޭޑީގެ ފަރާތްޕުޅުން ސިވިލް އަދި ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވާފައިވާކަމަށްބުނެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުނ...

16 Apr 2025 | 09:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވާފައިވާކަމަށްބުނެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ހަތަރު މައްސަލައެއް ދެ ކޯޓަކަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކުރައްވައި ފަސްޓްލޭޑީ، ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން މައްސަލަ ހުށަހެޅުއްވި ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން، ފާއިތުވި މާރިޗް މަހުގެ ތެރޭގައި މާލޭގައި ބާއްވަމުންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެ ޕާޓީގެ އެކްޓިވިސްޓެއް ކަމގައިވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމަރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަތަކަކުގެ ސަބަބުން، ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވީ ހިނދު، ޢުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތުން މައްސަލަތައް ހުށަހަޅާފައިވާނެ ކަމަށެވެ.

ތަފްސީލް ހިއްސާކުރައްވަމުން އާޒިމާ ވިދާޅުވެފައިވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިއޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ ސިވިލް ކޯޓަށް މަރިޔަމް ޒުބައިރުގެ މައްޗަށް އެއް މައްސަލަ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި އެ ޕާޓީގެ ޗެއާޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށް އެއް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އޭގެ އިތުރުން ޤާނޫނުއަސާސީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ފެމިލޯ ކޯޓަށް މަރިޔަމް ޒުބައިރުގެ މައްޗަށް އެއް މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލްގެ މައްޗަށް އެއް މައްސަލަ ހުށަހަޅާފައިވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި މައްސަލަތައް ހުށަހެޅިފައިމިވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

އަދި، މިއަދު އެ މަޤާމުގައި ތިއްބެވި އެކަމަނާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަޤާމުތަކުގައި ތިބެދާނޭ އެހެންކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުންކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދު ދެކެވަޑައިގަންނަވާތީކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް